ރާއްޖޭގައި ދިރިއުޅެމުން އައި ފްރާންސްގެ ޢާއިލާއެއް ފުރުވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިމިގްރޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ. އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަޙީދު ވިދާޅުވި ގޮތުގައި، މި ޢާއިލާ ވޭތުވެދިޔަ 12 އަހަރު ވަންދެން ރާއްޖޭގައި ދިރިއުޅެމުން އައީ ޤާނޫނާއި ޚިލާފަށެވެ.
ޝަމްއާން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، މި ޢާއިލާގެ ހަ މެންބަރުން ރާއްޖޭގައި ތިބިއިރު އެއްވެސް މީހެއްގެ އަތުގައި ޞައްޙަ ޕާސްޕޯޓެއް ނެތެވެ. ފުރާންސްގެ ރަށްވެހިން ކަމަށް ބުނާ އެ ދެމަފިރިން ރާއްޖޭގެ އެލި ރަށްތަކުގައި މިވީ 12 އަހަރު ދިރެއުޅެ ރާއްޖޭގައި ދަރިންވެސް ވިހާފައިވާއިރު އެއިން އެއްވެސް ކުއްޖެއްގެ އަތުގައި ޞައްޙަ ލިޔެކިޔުމެއް ވެސް ނެތެވެ.
މި މައްސަލައާއި ގުޅިގެން އިސް ފަރާތްތަކެއް ވަނީ އޮކްޓޯބަރު މަހު އިމިގްރޭޝަނަށް ހާޒިރުކުރެވިފައެވެ.
މިހާރު ކުރިއަށްދަނީ މި ޢާއިލާ ފުރުވާލުމަށް ބޭނުންވާ ދަތުރުފަތުރުގެ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތްކަމަށް ކޮންޓްރޯލަރ ފާހަގަކުރެއްވިއެވެ. މި މަސައްކަތް ކުރިއަށްދަނީ ފޮރިން މިނިސްޓްރީއާއި ގުޅިގެންނެވެ. އަދި ބޭނުންވާ ލިޔެކިޔުންތައް ލިބުމާއެކު، ވީ އެންމެ އަވަހަކަށް މި ޢާއިލާ ރާއްޖެއިން ފުރުވާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގެ މަޢުލޫމާތު އިމިގްރޭޝަނަށް ލިބިފައިވަނީ މިދިޔަ ޖުލައި މަހު "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށްކަން ވެސް ޝަމްއާން ހާމަކުރެއްވިއެވެ. މިގޮތުން، ޤާނޫނާ ޚިލާފަށް ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަން އޮތޯރިޓީން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި މައްސަލަ ވަނީ ފާހަގަކުރެވިފައެވެ.









