ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ މިއަދު އދ. އޮމަދޫ ކައުންސިލް އިދާރާގައި ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި އދ. އޮމަދޫ ކައުންސިލާއި، ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީގެ މެންބަރުންނާއި އޮމަދޫގެ ބައެއް މުވައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި އޮމަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އުންމީދުތައް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރެވުނެވެ.
އެ ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި ބަނދަރުގެ މައްސަލައަކީ އޮމަދޫގެ ހުރިހާ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. މީގެ އިތުރުން، ހެލްތު ސެންޓަރ ތަރައްޤީކުރުމަށް ބޭނުންވާކަމަށާއި ބިމުގެ ޖާގައިގެ ދަތިކަން ހުރިކަން ފާހަގަކުރިއެވެ. އަދި ސުކޫލުގެ ކަންކަން ރަނގަޅުކުރަން ބޭނުންވާކަން ވެސް ކައުންސިލުން ރައީސާއި ޙިއްޞާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސުކޫލުގެ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އަދި ބަނދަރު މަޝްރޫޢާއެކު ރަށްގިރުމުގެ މައްސަލައަށްވެސް ހައްލު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަން ވެސް ބައްލަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ އޮމަދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި އޮމަދޫގެ ފަރާތުން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށަ ވެސް ހާމަކުރެއްވިއެވެ.