ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށްރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ.
ދަތުރުފުޅުގައި ރައީސް ވަނީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، އެމަނިކުފާނު ވަނީ އެ ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކަށާއި ސްކޫލްތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ޙާލަތު ވެސް ބައްލަވައިލައްވާފައެވެ.
އެގޮތުން، މިހާތަނަށް ރައީސް ޑރ. މުޢިއްޒު ވަނީ 185 ކައުންސިލަކާ ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށާއި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ބެލެވެއެވެ. މި ދަތުރުފުޅުގެ ސަބަބުން ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް އެކަށައެޅުމުގައި އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރެވެއެވެ.









