މަހިބަދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޠާރިޤް (ޓޮމް) ގެ ހޫނު ރައްދެއް އިދިކޮޅު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދީފިއެވެ.
ޤާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް އެމްޑީޕީން މިހާރު ޖައްސަމުން އަންނަ ކެމްޕެއިނާ ގުޅޭ ގޮތުން "ޚުލާސާ" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޓޮމް ވިދާޅުވީ "އެ ފިލްމި ބަލާބަލާ ރައްޔިތުން މިހާރު ފޫހިވެއްޖެ" ކަމަށެވެ.
"އެ ދެން ތަންކޮޅެއް ކުރީގެ ލޭކޮކާ ކަހަލަ ފިލްމަކަށް ވަނީ. އެންމެނަށް އެނގޭ އެ ފިލްމުގައި ވާ ގޮތާއި ހުރިހާ އެއްޗެހިވެސް." ޓޮމް ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީ ޤާނޫނު އަސާސީގެ ދިފާއުގައި ވަކާލާތުކުރާ ބަޔަކަށް އެމްޑީޕީ ހެދެމުން އަންނައިރު، އެ ޕާޓީގެ ސަރުކާރުން ޤާނޫނު އަސާސީ ބަދަލުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ކަމަށެވެ. ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނޫނު އަސާސީއަށް ބަދަލު ނުގެނެވޭކަން ހަމަ އެ ޤާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ޓޮމް ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީ އޭރުގެ އިއްޒަތްތެރި މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންވެސް ވަކާލާތުކުރަމުން ގެންދެވީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ރައްޔިތުން ގޭ ބަންދުކޮށްފައި، މާސްކު އަޅުވައި އެ ފަރާތްތަކުގެ އަސާސީ ޙައްޤުތައް ހަނި ނުކުރެވޭނެ ކަމަށް ކަމަށެވެ. ނަމަވެސް އެކަންވެސް އެގޮތަށް ކޮށްފައިވަނީ އެމްޑީޕީން ކަން ޓޮމް ފާހަގަކުރެއްވިއެވެ.
އަދުގެ ސަރުކާރުން ޤާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހުނީ އެމްޑީޕީގެ ނާޤާބިލު ވެރިން ވެރިކަމަށް އައިސް ނިންމާފައިވާ ނިންމުންތަކާއި ފޮނުވާފާއިވާ ސިޓީތަކުން ރާއްޖޭގެ ސަރަޙައްދާއި، މަސްވެރިކަމުގެ ސަރަޙައްދާއި އަދި އެހެނިހެން އިޤްތިޞާދީ ހަރަކާތްތަކުގެ ސަރަޙައްދުތައްވެސް ގެއްލިގެންދާވަރުގެ ކަންކަން އެ ޕާޓީން ކޮށްފައިވާތީ ކަމަށް ޓޮމް ވިދާޅުވިއެވެ.
ޓޮމް ވިދާޅުވީ އެފަދަ ކަންތައްތައް ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތަކީ ޤާނޫނުތަކަށް ބަދަލުތައް ގެނައުމުގައި ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށެވެ. އަދި ޤާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީން ނުކުންނަން ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމަށް ޓޮމް ވިދާޅުވިއެވެ.









