ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދެދުވަހުގެ ދަތުރުފުޅުގައި މިއަދު އދ. އޮމަދޫއަށް ވަޑައިގެންނެވުމުން، އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ރައީސް ޑރ. މުޢިއްޒަށް މަރުޙަބާ ދެންނެވުމަށް ގިނަ ޢަދަދެއްގެ ރައްޔިތުން ބަނދަރު ސަރަޙައްދަށް ޖަމާވެފައިވާކަން ފާހަގަކުރެވުނެވެ. ރައްޔިތުން ވަނީ ދިދަ ނަގައި، އަތްތިލަބަޑިޖަހައި، އުފާވެރި ރާގުތަކުން ރައީސަށް މަރުޙަބާ ދަންނަވާފައެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ އދ. އޮމަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ހަމަޖައްސަވާފައެވެ. މީގެ އިތުރުން، ރަށުގެ އާންމު ރައްޔިތުންނާއިވެސް ބައްދަލުކުރައްވައި، އެ ރަށާއި މެދު ރައީސް ގެންގުޅުއްވާ ތަޞައްވުރު ޙިއްޞާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންނާއި ގާތުން ރައްޔިތުންގެ ހާލު ބެއްލެވުމަށް ވެވަޑައިގެންނެވި ވަޢުދުފުޅުގެ ދަށުން ރައީސް ގެންދަވަނީ ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކުރައްވަމުންނެވެ. މި ދަތުރުފުޅަކީ އެ ސިލްސިލާގެ ތެރެއިން ކުރައްވާ ދަތުރުފުޅެއްކަން ފާހަގަކުރެވެއެވެ.