ޤާނޫނުއަސާސީގެ ދިފާއުގައިކަމަށް ބުނެ އެމްޑީޕީން ނުކުތުމަކީ ލަދުވެތިކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިޤް ވިދާޅުވެއްޖެއެވެ. މެމްބަރު ތާރިޤް މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާ އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޙަފްލާގައި ވާހަކަދައްކަވަމުންނެވެ.
ތާރިޤް ވިދާޅުވިގޮތުގައި، ޤާނޫނުއަސާސީ ބަދަލުކުރުމުގައި އެމްޑީޕީން އުސޫލާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވެއެވެ. މިސާލަކަށް، ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވުމުން އެ ދައުރު ދަންމާލުމަށް ޤާނޫނުއަސާސީ ބަދަލުކުރީ ކޮވިޑް-19ގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ކަމަށް ތާރިޤް ފާހަގަކުރެއްވިއެވެ.
"އެމްޑީޕީއަށް ވެރިކަން ލިބި، ވެރިކަން ނިމުމުން ދެން އަމަލުކުރާ ގޮތް މުޅިން ތަފާތު," ތާރިޤް ވިދާޅުވިއެވެ. އަދި ތާރިޤް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހާއި ޖެނުއަރީ މަސް ތެރޭގައި އިދިކޮޅުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެ މަސައްކަތް ސަރުކާރުން ފެއިލްކޮށްލާފައިވާ ކަމަށެވެ.
ތާރިޤް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒު ނިންމަވަމުންދާ ނިންމެވުންތަކަކީ ޒަމާންތަކެއް ވަންދެން ދިވެހިންނަށް އޭގެ ލާބަޔާއި މަންފާ ލިބޭނެ ނިންމެވުންތަކެކެވެ. އަދި ކުރިއަށް އޮތީ އުއްމީދީ އަހަރެއް ކަމަށްވެސް ތާރިޤް ވިދާޅުވިއެވެ.
މީގެއިތުރުން، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން މަސައްކަތްކުރަމުންދާ ކަމަށް ތާރިޤް ވިދާޅުވިއެވެ. "މި ފެށޭ އަހަރަކީ އެކި ސަރަޙައްދުތަކުގައި ހުރި ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ އަހަރަކަށްވެގެންދާނެ," ތާރިޤް ވިދާޅުވިއެވެ.









