ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް، ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން' ގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ޗައިނާއަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުންމިންގ ޗަންގްޝުއި އިންޓަރނޭޝަނަލް އެއަރޕޯޓަށް ޒިޔާރަތްކުރެއްވުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޔުނާން ޕްރޮވިންސްގެ ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން ލުއޯ ހޮންގްޖިއަންގ، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ)ގެ ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮމޯޝަން ސެންޓަރުގެ ވެރިޔާ، ޓާންގް ޔިންގް އަދި ޔުނާން ޕްރޮވިންސްގެ ފޮރިން އެފެއާޒް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ވޯންގް ވެއި އެވެ.
މި ދަތުރުފުޅަކީ، ސީ.އައި.ޑީ.ސީ.އޭ އިން އިންތިޒާމްކޮށްގެން ޑިސެމްބަރު 15 އިން 17 އަށް ބާއްވާ، ދިވެހިރާއްޖެއާއި އެކުގައި ހޯސްޓްކުރާ ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ފޯރަމްގެ މަޤްޞަދަކީ ޗައިނާއާއި އިންޑިއާ ކަނޑު ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ބްލޫ އިކޮނޮމީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، މި ދާއިރާގެ ތަރައްޤީއަށް މަގުފަހިކުރުމެވެ.









