ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ ތިން މިނިސްޓްރީގެ ޚިދުމަތް މާދަމާ ހެނދުނު 8:00 އިން ފެށިގެން އަލުން ފެށޭނެ ކަމަށް އދ. ދަނގެތީގައި މިރޭ ބޭއްވުނު ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ، ހައުސިންގ، ކޮންސްޓްރަކްޝަން އަދި އެންވަޔަރަންމަންޓް މިނިސްޓްރީ ހިންގާ އިމާރާތް އެއްކޮށް އަނދައި ހުސްވެގެން ދިޔަ ނަމަވެސް، ސަރުކާރުގެ އެންމެހައި ފަރާތްތަކުން ގުޅިގެން ކުރި މަސައްކަތުގެ ސަބަބުން މި ތިން މިނިސްޓްރީގެ ޚިދުމަތް އަލުން ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި ކަމުގައި އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
މި ހާދިސާއަކީ ސަރުކާރަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް މި ގޮންޖެހުމާއި ކުރިމަތިލީ ވަރަށް ބޮޑު ހިތްވަރަކާއެކު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ތިން މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލަކީ ކުރީގައި އަހަރުތަކެއް ވަންދެން އެމަނިކުފާނު އިސްކޮށް ހުރެ ހިންގި ތަންތަން ކަމަށްވުމުން، މި ހާދިސާގެ ސަބަބުން އަމިއްލަ ގޮތުން ވެސް ވަރަށް ބޮޑު އަސަރެއް ކުރި ކަމަށް ރައީސް ވިދާޅުވިއެވެ.








