ދިވެހިރާއްޖޭގެ ރުއްގަހަށް ދިމާވަމުން އަންނަ ފަނިފަކުސާ ކޮންޓްރޯލްކުރުމަށް ޗައިނާގެ ތަޖުރިބާކާރުންގެ މަޝްވަރާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މިގޮތުން ޗައިނީޒް އެކެޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) ގެ "އެންވަޔަރަންމަންޓް އެންޑް ޕްލާންޓް ޕްރޮޓެކްޝަން ރިސަރޗް އިންސްޓިޓިއުޓް"ގެ ތަޖުރިބާކާރުންގެ ވަފުދެއް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ އިސްބޭފުޅުންނާއި ބައްދަލުކޮށް، މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި ބައްދަލުވުމުގައި "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް މެނޭޖްމަންޓް އެސިސްޓަންސް ޕްރޮޖެކްޓް" ގެ ތަންފީޒީ ތަފްސީލުތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖޭގައި ރުއްތަކަށް ދިމަވެފައިވާ ކޮކަނަޓް ހިސްޕައިން ބީޓަލް (Brontispa longisimia) ނުވަތަ ރުކުމަޑި މެނޭޖްކުރުމަށް އެޅޭ މުހިންމު އަދި އިސްތިރާޖީ ފިޔަވަޅެކެވެ.
ވުޒާރާއިން ބުނީ، ރުއްގަހަށް ދިމާވަމުން އަންނަ އެހެނިހެން ބޮޑެތި މައްސަލަތައް ވެސް ތަޙްލީލު ކުރުމަށް ވަނީ މިބައްދަލުވުމުގައި މަޝްވަރާކޮށްފައެވެ..








