މާތްﷲގެ އިރާދަފުޅާއެކު، މި ސަރުކާރުން ކުރިއަށްދާނީ ކުރިމަތިކުރާ އަދި ކުރިމަތިވާ ހުރަސްތައް ގިރާކުރަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިރޭ ދަނގެތީ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ބުރާސްފަތި ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއަށް އިޝާރާތްކުރައްވައި ވިދާޅުވީ، އެ ހާދިސާގައި ގެއްލުން ލިބުނު ތިން ވުޒާރާ އާއި މާލޭ ސިޓީ ކައުންސިލަކީ އެމަނިކުފާނުވެސް އެކި ދުވަސްވަރު ޚިދުމަތްކުރެއްވި އިދާރާތަކެއް ކަމަށެވެ. އަދި އެތައް އަހަރެއްގައި އެތައް މުވައްޒަފުންނަކާއެކު މަސައްކަތްކުރި އެ ޢިމާރާތްތައް އަނދައި، ހުލިވެ، ބިންމައްޗަށް ތިރިވި މަންޒަރު ފެނިވަޑައިގަތުމުން އަސަރު ކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންނަމަވެސް، މި ގޮންޖެހުމާ ކުރިމަތިލީ ވަރަށް ހިތްވަރާ އެކުގައި. އެންމެން އެކީ އަތުކުރި އޮޅާލައިގެން، ބުރާސްފަތި ދުވަހުގެރޭ ފެށި މަސައްކަތް މެދުކަނޑާނުލައި ކުރިއަށްގެންދިޔައީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިރާދަކުރެއްވިއްޔާ މާދަމާ ހެނދުނު 8 ޖަހާއިރު އެ ވުޒާރާތަކުން ޚިދުމަތް ދޭން ފަށާނެކަމަށެވެ. އަދި މި ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.









