ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ 3 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާ މި ފޯރަމަކީ ރާއްޖެއިން ކޯ-ހޯސްޓްކުރާ ފޯރަމެކެވެ. "ދަ ފިއުޗާ އޮފް ދަ ބްލޫ އިންޑިއަން އޯޝަން ޑިވެލޮޕްމަންޓް: ޕްރެކްޓިސް އޮފް ދަ ގްލޯބަލް ސައުތު" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީ ހިމެނޭ ގޮތަށް ނޫ އިޤްތިޞާދުގެ އެކި ކަންކަމަށް ސަމާލުކަންދީގެން، ޗައިނާއާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ.
ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ)އިން އިންތިޒާމްކޮށްގެން ބާއްވާ މި ފޯރަމްގައި ނައިބު ރައީސް ބައިވެރިވަޑައިގަންނަވަނީ ޗައިނާ ސަރުކާރުގެ ދަޢުވަތަކަށެވެ. ފޯރަމްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދެއްކެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގައި ބޭއްވި "ޗައިނާ އިންޑިއަން އޯޝަން ރީޖަން ފޯރަމް"ގެ 2 ވަނަ ބައްދަލުވުމުގައިވެސް ނައިބު ރައީސް ބައިވެރިވެވަޑައިގެންނަވިކަން ފާހަގަކޮށްލެވެއެވެ. މިއީ މި ފޯރަމްގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާ ދެވަނަ ފަހަރެވެ.








