އަންނަ ރަމަޟާން މަހުން ފެށިގެން ކޮންމެ އަހަރަކު ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އދ. ދަނގެތީގައި މިހާރު ކުރުޔަށްދާ ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ލާމަރުކަޒީ ޤާނޫނާއި ވަޒީފާއާބެހޭ ޤާނޫނަށް ބައެއް އިސްލާހުތައް ގެންނަން ޖެހޭކަމަށް ފާހަގަކުރައްވައި، މި އިސްލާހުތައް ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ..
އަދި މި އިސްލާހުތަކާއެކު، ޑަބްލިއުޑީސީިއުޑީސީ މެންބަރުންނަށް ލިބޭ އެލަވަންސް މުސާރައަކަށް ބަދަލުކުރުމާއި، ވިހެއުމުގެ ޗުއްޓީ ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ޑަބްލިއުޑީސީ މެންބަރުންނަށް ލިބޭ މުސާރައަކީ ބޭންކުތަކުން ބަލައިގަންނަ މުސާރައަކަށް ހަދައި، ލޯނު ނެގޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމުގެ ވަޢުދުވެސް ވެވަޑައިގަތެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ މަސައްކަތަކީ ރައްޔިތުންނަށް ލިބޭ އެއްޗަކަށް އުނިކަމެއް ނުގެނެސް، ޤައުމު ބަނގުރޫޓުވިޔަ ނުދީ، ރައްޔިތުންނަށް އިތުރު ފުދުންތެރިކަން ހޯދައިދިނުމަށް މަގުފަހިކުރުން ކަމުގައެވެ މިސަރުކާރާއި އެމަނިކުފާނު ޙަވާލުވެވަޑައިގެންނެވިއިރު ދައުލަތް އޮތީ ބަނގުރޫޓުވާން ކައިރިވެފައި ކަމަށާއި، ވަރަށް އުނދަގުލުން ޗެލެންޖުތައް ގިރާކުރަމުން، ރައްޔިތުންނަށް ޚިދުމަތް ދެއްވުމުގައި ސާބިތުކަމާއެކު ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުން ކަމަށް ވިދާޅުވިއެވެ.
އދ. ދަނގެއްޗަކީ ރައީސް މުޢިއްޒު އަރިއަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ޒިޔާރަތް ކުރެއްވި ފުރަތަމަ ރަށެވެ.
ރައީސުލްޖުމްހޫރިއްޔާ ދަނގެއްޗަށް ވަޑައިގަތުމުން، އެ ރަށުގެ ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ގިނަ ޢަދަދެއްގެ ރައްޔިތުން ބަނދަރު ސަރަޙައްދަށް އެއްވެ، ރައީސަށް މަރުހަބާ ދެންނެވިއެވެ.
މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ދަނގެތީގެ އިތުރުން މަހިބަދޫ އަދި އޮމަދުއަށްވެސް ވަޑައިގަންނަވާނެ ކަމަށް ވަނީ ހަމަޖެހިފައެވެ. އަދި އަރިއަތޮޅު ދެކުނުބުރީގެ އެކި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުން މިއަދު ވެސް ކުރިޔަށް ގެންދިޔައެވެ.