މަސްވެރިންނަށް ހެޔޮއަގުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އދ. ދަނގެތީގައި ގާއިމުކުރި ފިއުލް ސްޓޭޝަނުން ރަސްމީކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފް.އެސް.އެމް) އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގުޅިގެން ދަނގެތީގައި ތަރައްޤީކުރި މި ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުވާފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ފިއުލް ސްޓޭޝަންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުﷲ ރަޝީދެވެ. މީގެ އިތުރުން އެ ރަށުގެ ކައުންސިލް މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
ދަނގެތީގައި މި ހިދުމަތް ފެށުމާއެކު، މަސްވެރިންނަށް މާލެއިން ތެޔޮ ވިއްކާ އަގުގައި ދަނގެތިން ވެސް ޑީސަލް ލިބެން ހުންނާނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކޮށް، އަތޮޅުތަކުގެ އިގްތިސާދީ ހަރަކާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ވެވަޑައިގެންފައިވާ ވައުދުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ސްޓޭޝަންގެ ސަބަބުން ދަނގެތީގެ އިތުރުން އެ ސަރަހައްދުގެ މަސްވެރިންނަށާއި ދަތުރުފަތުރު ކުރާ ފަރާތްތަކަށް އަގުހެޔޮކޮށް އަދި ފަސޭހަކަމާއެކު ތެޔޮ ލިބިގެންދާނެއެވެ.



