ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި، އެ ސަރަހައްދުގެ ކަނޑުގެ އުޅަނދުފަހަރަށް ކުރިމަތިވެފައިވާ ތެޔޮ ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) އިން ގާއިމުކުރާ އައު ފިއުލް ސްޓޭޝަންގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
އެފް.އެސް.އެމްއިން ބުނީ މި މަޝްރޫއަކީ ވިލިމާލޭ ފަޅުތެރޭގައާއި އެ ސަރަހައްދުގައި ދަތުރުފަތުރުކުރާ ފަރާތްތަކަށް ތެޔޮ ހޯދުމުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ އިރުޝާދުގެ ދަށުން ފެށިގެންދިޔަ މުހިންމު މަސައްކަތެއްކަމަށެވެ. މި ސްޓޭޝަން ގާއިމުވުމުން، ތެޔޮ އެޅުމަށްޓަކައި މާލެއަށް ނުވަތަ ތިލަފުށްޓަށް ކުރަންޖެހޭ ދިގު ދަތުރުތައް ހުއްޓުމަކަށް އައިސް، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ ވަގުތާއި ތެލަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަމަަށް އެފް.އެސް.އެމްއިން ބުންޏެވެ.
އެފް.އެސް.އެމް ބުނިގޮތުގައި ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ މި ފިއުލް ސްޓޭޝަނުން ޕެޓްރޯލާއި ޑީސަލްގެ އިތުރުން، ކަނޑު އުޅަނދުފަހަރަށް ބޭނުންވާ ސާފު ބޯފެން ލިބޭނެ އިންތިޒާމުވެސް ޖެޓީ ސަރަހައްދުގައި ގާއިމުކުރެވޭނެ އެވެ. އަދި މި ސްޓޭޝަން ހާއްސަ ކުރެވިފައިވަނީ އުޅަނދުފަހަރަށް އެންމެ ފަސޭހައިން ކައިރިކުރެވޭނެ ފަދަ ގޮތަށްކަމަށް އެފް.އެސް.އެމް ފާހަގަކުރި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 55 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައި، އާންމުންނަށް ހިދުމަތް ދޭން ފެށުމަށް އެފް.އެސް.އެމް އިން ދަނީ ބާރުމިނުގައި މަސައްކަތް ކުރަމުންނެވެ. މި ސްޓޭޝަން ހުޅުވުމާއެކު ވިލިމާލޭގެ އިގްތިސާދީ ދުވެލި ހަލުވިވެ، އުޅަނދުފަހަރު ގެންގުޅޭ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަަށްވެސް އެފް.އެސް.އެމްއިން ފާހަގަކުރި އެވެ.









