ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) އިން ފޯރުކޮށްދޭ ކަނޑުމަތީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމުގެ ގޮތުން، އެ ކުންފުނީގެ ތެޔޮ އުފުލާ ބާޖުތަކުގައި އޮޓޮމެޓިކް ޓޭންކް ގޭޖިންގ (އޭ.ޓީ.ޖީ) ސިސްޓަމް ހަރުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މިއީ އެފް.އެސް.އެމްގެ ތެޔޮ އުފުލާ އުޅަނދުފަހަރުގައި މިފަދަ ޒަމާނީ ސިސްޓަމެއް ހަރުކުރާ ފުރަތަމަ ފަހަރެވެ. މި މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން މިހާރު ކުރިއަށްދަނީ އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ "ހުނިކެ" ބާޖުގައި މި ސިސްޓަމް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ.
މި އޭ.ޓީ.ޖީ ސިސްޓަމް ބޭނުންކުރަން ފެށުމުގެ މައިގަނޑު މަގްސަދަކީ، ތެޔޮ ޓޭންކުތަކުގައި ހުންނަ ތެލުގެ މިންވަރު އެއްވެސް މެދުކެނޑުމެއް ނެތި، އިތުބާރާއެކު ސައްހަކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މި ސިސްޓަމްގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަންތަކުގެ ރައްކާތެރިކަމާއި ހަރުދަނާކަން އިތުރުވެގެންދާނެއެވެ. އަދި މީގެ ސަބަބުން ތެޔޮ ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ފުރިހަމަ އަދި އިތުބާރު ހުރި ޚިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށް އެފް.އެސް.އެމް އިން މަޢުލޫމާތުދެއެވެ.
މި ޕްރޮޖެކްޓަކީ އެފް.އެސް.އެމްގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ޓެކްނޮލޮޖީގެ އެހީގައި މަސައްކަތްތައް އަވަސް އަދި ފަސޭހަ ކުރުމަށްޓަކައި އެ ކުންފުނިން ކުރިއަށްގެންދާ މުހިންމު އިސްނެގުމެކެވެ. މި ސިސްޓަމްގެ ސަބަބުން ތެޔޮ ބާޖުތަކުން ތެޔޮ ދޫކުރުމާއި، ޓޭންކުތަކުގައި ހުންނަ ތެލުގެ ހިސާބުތައް ސައްހަކޮށް ބެލެހެއްޓުމުގައި މިހާރު ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.









