ދަނގެތީގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭނެކަމަށް ރައީސް ވިދާޅުވެއްޖެ

އައިޝަތު ރުވާ ރިފްޢަތު | 311 ދުވަސް ކުރިން - 14 ޑިސެންބަރު 2024 21:54
ރައީސް ދަނގެތި ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވުން
ރައީސް ދަނގެތި ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރެއްވުން
ޚުލާސާ

ދަނގެތީގައި ކަލްޗަރަލް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށާއި އަދި ޑޮލަރު އޭ.ޓީ.އެމްގެ ކަންކަން ބައްލަވައި، ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަމަށްވެސް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވި.

ދަނގެތި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައި، ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިފަދައިން ރައީސް ވިދާޅުވީ އދ. ދަނގެތި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދަނގެތި ކައުންސިލްގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ބަނދަރުގެ އެކްސްޓެންޝަން މަޝްރޫޢުގައި ހުރި ކަންބޮޑުވުންތައް ތަފްޞީލީގޮތެއްގައި ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން، ރަށުގެ ޒުވާނުންނަށް ގޯތި ބޭނުންވާކަން ފާހަގަކުރައްވައި، ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ސުކޫލަށް މަލްޓި ޕާޕަސް ހޯލެއް ބޭނުންވާކަމާއި، ރަށަށް އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް މަގުފަހިކުރުމަށް ބޭނުންވާކަން ހިމެނެއެވެ. އަދި ޑޮލަރު އޭ.ޓީ.އެމްއެއް އެރަށަށް ބޭނުންވާ ކަމަށާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަންވެސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ދަނގެތީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަނގެތީގައި ކަލްޗަރަލް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި ޑޮލަރު އޭ.ޓީ.އެމްގެ ކަންކަން ބައްލަވައި، ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަމަށް ވެސް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%