ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އދ. ދިއްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވީ ދަނގެތީގައެވެ.
ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކޮށްފައެވެ. މީގެ ތެރޭގައި ބަނދަރު މަޝްރޫޢާއި ނެރު ފައިކަށި މަޝްރޫޢު ކުރިއަށްގެންދިއުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރަށްގިރުމުގެ މައްސަލަ ހިމެނެއެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ގުޅޭގޮތުން ރައްޔިތުން ބޭނުންވާ ގޮތްތަކާއި، ތަޢުލީމީ ދާއިރާގައި ހުރި ކަންބޮޑުވުންތައް ވެސް ހިއްސާކުރެވުނެވެ.
އެގޮތުން، ބަނދަރާއި ނެރުގެ މަޝްރޫޢުގައި ކައުންސިލުން ފާހަގަކުރި ކަންކަން ސީރިއަސްކޮށް ބައްލަވައި، ދެމެހެއްޓެނިވި ގޮތެއްގައި އެކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ދިއްދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.