މިރޭ 12 ޖަހާއިރުން ފެށިގެން ދިވެހިރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި، ހިލޭ ބެހުމާއި އަދި ބޭނުންކުރުން މަނާ ވާނެއެވެ. މިއީ ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ތަންފީޛުކުރެވޭ އައު ޤަވާއިދެކެވެ.
ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވި މި އިސްލާހުގެ ދަށުން، 15 ޑިސެންބަރު 2024 (މާދަމާ) އިން ފެށިގެން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވެގެންދާނެއެވެ. މި ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ކަނޑައެޅިފައިވެއެވެ.
މި ޤާނޫނުގެ ދަށުން، އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކާ ފަރާތްތައް 20،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ވިއްކާ ކޮންމެ އާލާތަކަށް އިތުރު 10،000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. މީގެ އިތުރުން، މި ތަކެތި ހިލޭ ބަހާ ފަރާތްތައް 10،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ އަދި ބޭނުންކުރާ ފަރާތްތައް 5،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
މި ޤާނޫނުގެ އެހެނިހެން މާއްދާތަކަށް 15 ނޮވެންބަރު 2024 ގައި ވަނީ ޢަމަލުކުރަން ފަށާފައެވެ. މީގެ ތެރޭގައި ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުމާއި، ސްޕޮންސަރކުރުމާއި، ޕްރޮމޯޓުކުރުން މަނާކުރުން ހިމެނެއެވެ.
ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައި، މި ބާވަތުގެ އުފެއްދުންތައް އާންމުންނަށް ފެންނާނެހެން ބެހެއްޓުމާއި، އުފުލުންވެސް މަނާކުރެވިފައިވެއެވެ. މިފަދަ ޢަމަލެއް ހިންގައިފިނަމަ އެއީ އިސްތިހާރުކުރުން ކަމުގައި ބެލެވޭނެއެވެ.
ޤާނޫނުގެ އަނެއް މުހިންމު ބަދަލަކީ، ދުންފަތުގެ ބާވަތްތައް ގަންނަ ފަރާތްތަކުގެ އުމުރު ޔަގީންކުރުމަށް ވިއްކާ ފަރާތްތަކަށް ލާޒިމްކުރުމެވެ. މިގޮތުން، ދުންފަތުގެ ބާވަތެއް ގަންނަން އަންނަ ފަރާތަކީ 21 އަހަރު ފުރިފައިވާ މީހެއްކަން ކަށަވަރުކުރުމަށްޓަކައި، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ އުމުރު އަންގައިދޭ ޞައްޙަ ރަސްމީ ލިޔުމެއް ދެއްކުމަށް އެންގުމަށްފަހު މެނުވީ ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމަކީ މަނާ ކަމެކެވެ.
މި ޤާނޫނުގެ އަމާޒަކީ ދިވެހިރާއްޖޭގައި ދުންފަތުގެ ބޭނުންކުރުން މަދުކޮށް، ރައްޔިތުންގެ ސިއްހަތު ރައްކާތެރިކުރުމެވެ. ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ވޭޕްކުރުމުގެ އާދަ އިތުރުވަމުންދާ މިންވަރު ދަށްކުރުމަށް މި ފިޔަވަޅުތަކުން އެހީތެރިވެދޭނެ ކަމަށް ސަރުކާރުން އުންމީދުކުރެއެވެ.









