ދުންފަތާއި ނިކޮޓިންގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް މުރާޖާކޮށް، ގާނޫނީ އޮނިގަނޑާއި ޓެކްސްގެ ސިޔާސަތުތައް އިތުރަށް ވަރުގަދަކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައާއި އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުމާއި ނިކޮޓިންއަށް ދެވިހިފުމަކީ ދިވެހިރާއްޖޭގެ އާންމު ސިއްހަތަށާއި ގައުމީ ތަރައްގީއަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މި ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށް ސަރުކާރުން ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

މިގޮތުން، ރާއްޖޭގައި އީ-ސިނގިރޭޓު މަނާކުރުމަށް ނިންމެވި ނިންމެވުމާއި، 2025 ވަނަ އަހަރުން ފެށިގެން "ދުންފަތާ ނުލައި ބޮޑުވާ ޖީލެއް" ބިނާކުރުމަށް ރާއްޖެއިން އިސްނަގައިގެން ކުރާ މަސައްކަތް ރައީސް ފާހަގަކުރެއްވިއެވެ. މިއީ މުޅި ދުނިޔޭގައިވެސް މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ގައުމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ދުންފަތުގެ ސިނާއަތުން ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ރަހަތައް ހިމެނޭ ނިކޮޓިން ޕައުޗުތައް ތައާރަފުކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކުރިއަށްގެންދާ މާކެޓިން އުކުޅުތަކާމެދު ސަމާލުވާންޖެހޭ ކަމަށެވެ. މިފަދަ އާ ނުރައްކާތަކާ ދެކޮޅަށް ސަރުކާރުން އަޅާ ފިޔަވަޅުތައް ހަރުދަނާކޮށް، ދުންފަތުގެ އަގާއި ޓެކްސްގެ ސިޔާސަތުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ދޭ ޚިދުމަތްތައް ފުޅާކުރުމާއި، ދުންފަތުގެ ދުމުން ސަލާމަތްވެފައިވާ ސަރަހައްދުތައް އިތުރުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

މި ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވެސް ވަނީ ދުންފަތާ ދުރު، ދުޅަހެޔޮ ޖީލެއް ބިނާކުރުމުގައި ހޭލުންތެރިކަން އިތުރުކުރުމާއި، އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް ޖީލުތައް ނިކޮޓިންގެ ވަބާއިން ސަލާމަތްކޮށް، ދުންފަތުން ސަލާމަތްވެފައިވާ ދުޅަހެޔޮ ރާއްޖެއެއް ބިނާކުރުމަށް ހުރިހާ ރައްޔިތުން އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.