ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީއަށް ގެނައި ބަދަލުތަކާއެކު، ދުންފަތުގެ އަގުތައް ކުޑަކުރުމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާތައް ފަށާފައިވާކަން ހޯމް މިނިސްޓަރު ޢަލީ އިޙުސާން ހާމަކުރައްވައިފިއެވެ.

ސިނގިރޭޓުގެ ޑިއުޓީއާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އިޙުސާން ވިދާޅުވީ، ސިނގިރޭޓެއްގެ ޑިއުޓީ 4 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރަން ނިންމީ ވޭޕް މަނާކުރުމާ ގުޅިގެން ގިނަ ބަޔަކު ސިނގިރޭޓަށް ބަދަލުވެދާނެ ކަމަށް ބަލައި، އެ ދާއިރާގެ ތަޖުރިބާކާރުންގެ ލަފާގެ މަތިން ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ޓޮބޭކޯ ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް ވަސީލަތަކީ ޓެކްސް ރޭޓް ބޮޑުކުރުމެވެ. ނަމަވެސް، އެއީ އަބަދުވެސް އެއިރެއްގެ ހާލަތަށް ބަލައި ބަދަލުތައް ގެންނަންޖެހޭ ކަމެއް ކަމަށާއި، މިފަދަ އެޖަސްޓްމަންޓްތައް ގެންނާނީ ފަންނީ ލަފާގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފަޔަކީ 2026 ވަނަ އަހަރު ސިނގިރޭޓެއްގެ އަގު 4 ރުފިޔާގައި ހިފެހެއްޓުން ކަމަށެވެ. އެހެންކަމުން، މިހާރު ހުރި އަގުތަކަށް ބަދަލު ގެނައުމަށް މަޝްވަރާ ކުރަމުންދާ ކަމަށާއި، އެ މަޝްވަރާތަކަށްފަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެއަށް ދުންފަތުގެ ބާވަތްތައް ވަގަށް އެތެރެކުރުން ނުވަތަ ސްމަގްލިން ހުއްޓުވުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން، ފުލް ކޮންޓެއިނާ ސްކޭން ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކަސްޓަމްސްއާ ގުޅިގެން ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދުންފަތާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިކަމަށް ކުރާ އަސަރާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށެވެ. އަދި މިދިޔަ އަހަރާއި މިއަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ފަތުރުވެރިން އަންނަ އަދަދަށް ނޭދެވޭ އަސަރެއް ކޮށްފައި ނުވާ ކަމަށާއި، ރާއްޖެއިން އަޅާފައިވަނީ ވަރަށް ތަރުތީބު ފިޔަވަޅުތަކެއްކަން ފަތުރުވެރިން ގަބޫލުކުރާ ކަމަށްވެސް މިނިސްޓަރު އިޙުސާން ވިދާޅުވިއެވެ.