ރައީސް ޑރ. މުޢިއްޒަށް ދަނގެތިން ވަރަށް ހޫނު މަރުޙަބާއެއް

ހުސައިން އިސްމާއިލް | 311 ދުވަސް ކުރިން - 14 ޑިސެންބަރު 2024 17:23
ފޮޓޯ: ޚުލާސާ
ފޮޓޯ: ޚުލާސާ
ޚުލާސާ

ދަނގެއްޗަށް ރައީސް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ގިނަޢަދަދެއްގެ ކުޑަކުދިންނާއި އަންހެނުންނާއި ޒުވާނުން މަގުތަކަށް ނުކުތް. އެރަށު ރައްޔިތުން ބުނަނީ އުއްމީދުތަކުގައި ކުލަ ޖެހޭނެކަމަށް.

އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދެދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު އދ. ދަނގެއްޗަށް ވަޑައިގެންނެވުމުން އެރަށު ކުދިބޮޑު އެންމެން މަގުތަކަށް ނުކުމެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސް ވަޑައިގަންނަވާއިރަށް ދަނގެތި ވަނީ ޤައުމީ ކުލަތަކުން ޒީނަތްތެރި ކޮށް ދިދައާއި މަރުޙަބާގެ ބެނާތައް ދަމާފައެވެ.

ފޮޓޯ: ޚުލާސާ

މި ދަތުރުފުޅުގައި ދަނގެތީގެ އިތުރުން މަހިބަދޫ އަދި އޮމަދުއަށް ރައީސުލްޖުމްހޫރިއްޔާ މާދަމާ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ދަނގެތީގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.

ރައީސް ޑރ. މުޢިއްޒު މިހާރު ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމެވެ. މި ދަތުރުފުޅުތަކުގައި، އެރަށްރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވައި، ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާމެދު މަޝްވަރާކުރައްވާކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ.

ރައީސް ޑރ. މުޢިއްޒު ދަނގެއްޗަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުން ތިބީ ވަރަށް އުފާވެފައެވެ. ރައްޔިތުން ބުނަނީ، "އުއްމީދުކުރާ ކަންތައްތައް އަހަރެމެންނަށް ރައީސް ކޮށްދެއްވާނެ" ކަމަށާއި އެކަމުގައި "އެއްވެސް ޝައްކެއްނެތް" ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ދަނގެތީ ރައްޔިތުންނާއި ސަލާމް ކުރައްވަނީ. / ފޮޓޯ: ޚުލާސާ

މިހާތަނަށް ރައީސް ޑރ. މުޢިއްޒު ވަނީ 185 ކައުންސިލަކާ ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%