ރައީސުލްޖުމްހޫރިއްޔާ އދ. ދަނގެއްޗަށް ވަޑައިގެންފި

އައިޝަތު ރުވާ ރިފްޢަތު | 311 ދުވަސް ކުރިން - 14 ޑިސެންބަރު 2024 16:27
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ދަނގެއްޗަށް ވަޑައިގަތުން. / ފޮޓޯ: ޚުލާސާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. ދަނގެއްޗަށް ވަޑައިގަތުން. / ފޮޓޯ: ޚުލާސާ
ޚުލާސާ

މި ދަތުރުފުޅުގައި ރައީސް ވަނީ ދަނގެތީގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައި.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި އެންމެ ފުރަތަމަ ރަށަކަށް މިއަދު އދ. ދަނގެއްޗަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ދަނގެތީގެ އިތުރުން މަހިބަދޫ އަދި އޮމަދުއަށް ރައީސުލްޖުމްހޫރިއްޔާ މާދަމާ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވިއެވެ. އަދި މި ދަތުރުފުޅުގައި ރައީސް ވަނީ ދަނގެތީގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ.) ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައެވެ.

ރައީސް މުޢިއްޒު މިހާރު ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ މަޤްޞަދަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމެވެ. މި ދަތުރުފުޅުތަކުގައި، އެރަށްރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވައި، ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާމެދު މަޝްވަރާކުރައްވާކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ.

މިހާތަނަށް ރައީސް މުޢިއްޒު ވަނީ 185 ކައުންސިލަކާ ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ އދ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%