ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ރިސާޗް ކޮންފަރެންސް މިއަދު ފަށައިފި އެވެ.
މިއީ އެމްއެމްއޭ އިން މި ކަހަލަ ކޮންފަރެންސްއެއް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި، ދެ ދުވަހަށް ކުރިއަށް ގެންދާ މި ކޮންފަރެންސްގެ މިފަހަރުގެ ޝިއާރަކީ "އިގުތިސާދީ ދިރާސާތައް ފުޅާކުރުން: ދެމެހެއްޓެނެވި މުސްތަގުބަލަކަށް ސިޔާސަތާއި އީޖާދުކުރުން" އެވެ.
މި ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހެނދުނު ބޭއްވި ހަފުލާގައި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ވަނީ ކީ ނޯޓު ސްޕީޗެއް ދެއްވައިފަ އެވެ.
Advertisement

އެ ހަފުލާގެ ޝަރަފުވެރި މެހުމާނަކަށް ވަޑައިގެންނެވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހްމޫދް ޝައުގީ އެވެ.
މި ރިސާޗު ކޮންފަރެންސްގައި އިންޑިއާގެ ރިޒާވް ބޭންކުގެ ޑެޕިއުޓީ ގަވަނަރު ޑރ. މިކައިލް ޑެބަބްރަޓާ ޕަޓްރާ ވެސް ކީ ނޯޓު ތަގުރީރެއް ވަނީ ދެއްވައިފަ އެވެ.
އެކި ދާއިރާތަކުން ތައްޔާރުކޮށްފައިވާ ދިރާސާތައް މި ކޮންފަރެންސްގައި ހުށަހަޅާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި، މި ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވޭނީ ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ރާއްޖެއަށް ފަހިވެފައި ހުރި އިގުތިސާދީ އެކި ފުރުސަތުތަކާއި ގުޅޭ ގޮތުންނެވެ. ދެ ދާއިރާއަކުން ހާއްސަ ޕެނަލް ޑިސްކަޝަނެއް ވެސް ކުރިއަށް ގެންދާނެ އެވެ. އަދި ރިސާޗު ވޯކްޝޮޕެއް ވެސް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.







