އަލިފާން ރޯވި އެންވަޔަރަންމަންޓް މިނިސްޓްރީގެ އޮފީސް ހުރި ގްރީން ބިލްޑިންގް އަކީ މިނިސްޓްރީގެ މުވައްޒަފުންގެ ހިތްތަކާއި ވަރަށް ގާތް ތަނެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ތޯރިގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގްރީން ބިލްޑިންގަކީ އެ މިނިސްޓްރީގެ މުވައްޒަފުންނަށް ވޭތުވެދިޔަ ދިހަ އަހަރަށްވުރެ ގިނަ ދުވަހު ފަޚުރުވެރިކަމާއެކު މަސައްކަތްކުރި ތަނެއް ކަމަށެވެ.
"ގްރީން ބިލްޑިންގ އަކީ އަހަރެމެންގެ ފަޚުރުވެރި ގެއަކަށް ވެފައި އޮންނަތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ. އެއީ އަޅުގަނޑުމެންގެ ހިތްތަކާ ގާތް ތަނެއް، އެ ތަނުގައި އަޅުގަނޑުމެންގެ ޓީމުން ވަރުބަލިކަމެއް ނެތި އާންމުންނަށް ޚިދުމަތް ދިނުމަށް މަސައްކަތް ކުރި ގެއެއް،" މިނިސްޓަރ ތޯރިގު ވިދާޅުވިއެވެ.
Advertisement

މީގެއިތުރުން، މިނިސްޓަރ ތޯރިގު ވިދާޅުވީ ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ހާދިސާއަކީ އެ މިނިސްޓްރީގެ މުޅި ޓީމަށް އިންތިހާއަށް ހިތްދަތި ހާދިސާއެއް ކަމަށެވެ. ނަމަވެސް، އެ މިނިސްޓްރީގެ މުވައްޒަފުންނަކީ ހިތްވަރުގަދަ ބައެއް ކަމަށާއި، މި ހާދިސާއިން އަރައިގަނެ އަލުން މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
"އެކަމަކު، އަޅުގަނޑުމެން މިތިބީ ހިތްވަރާއެކު، އަދި އަޅުގަނޑުމެން ރިކަވަރ ވާނެ، އަޅުގަނޑުމެން ރީސްޓާޓް ކުރާނަން،" މިނިސްޓަރ ތޯރިގު ވިދާޅުވިއެވެ.
އަދި މި ހާދިސާގައި އަލިފާން ނިއްވުމަށް މަސައްކަތްކުރި ހުރިހާ ފަޔަރ އެންޑް ރެސްކިއު މުވައްޒަފުންނަށް އެ މިނިސްޓްރީގެ މުޅި ޓީމުގެ ފަރާތުން ޝުކުރު މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ.







