ރާއްޖޭގެ ކަނޑުތަކުގައި ސްޕިއާ-ގަން ބޭނުންކޮށްގެން މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމާ ބެހޭ ގަވައިދަށް އިސްލާހު ގެނެސް، އެގޮތަށް މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް އެފަދައިން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެގޮތުން ޓޫރިޒަމް ދާއިރާ އިތުރަށް ޑައިވާސިފައި ކުރުމުގެ ގޮތުން ގިނަ މުހިއްމު މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ އިތުރަށް މިނިސްޓަރު ތޯރިގު ވިދާޅުވީ، ސްޕިއާ ފިޝިން ރާއްޖޭގައި މަނާކޮށްފައި އޮންނަތާ ގިނަ އަހަރުތަކެއް ވެފައިވީ ނަމަވެސް އެގޮތަށް މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
"ސްޕިއާ ފިޝިން ވެސް މި އަންނަ މަސްތެރޭގައި ގަވައިދަކާ އެކު ހުޅުވާލަން. އެ ވެސް މުޅިން އާ ސެގްމެންޓެއް. ވޭތުވެދިޔަ 40 އަހަރު ސްޕިއާ ފިޝިން އޮންނަނީ މަނާކުރެވިފައި،" - މިނިސްޓާ ތޯރިގު
ހަމައެހެންމެ ސްޕިއާ ފިޝިންގެ އިތުރުން ޓެކްނިކަލް ރެކްރިއޭޝަން ޑައިވިންކުރަން ފެށުމުގެ ގޮތުން އެކަމަށް ބޭނުންވާ ގަވައިދުތައް އެކުލަވައިލުމަަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަށް އަލިއަޅުއްވާލައްވަވަމުން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް އޭޕްރީލް މަހުގެ ތެރޭގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޓެކްނިކަލް ރެކްރިއޭޝަން ޑައިވިންކުރުމަށް މިހާރު ދެވެނީ ހަމައެކަނި 30 މީޓަރަށް ކަމަށެވެ. ނަމަވެސް އަލަށް ގެނެވޭ ބަދަލުތަކާއެކު 40 މީޓަރަށް ޓެކްނިކަލް ރެކްރިއޭޝަން ޑައިވިން ހުޅުވާލެވޭނެ ކަމަށެވެ. އެއާއެކު އެކަން ތަޖުރިބާ ކުރުމަށް ޓަކައި އަންނަ ޓޫރިސްޓުން ގިނަވެދާނެ ކަމަށް މިނިސްޓަރު ވިދާޅުވެވި އެވެ.









