ލަންކާގެ މަޖިލީހުގެ ރައީސް އަސޯކާ ރަންވަލާ އޭނާގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. މި އިސްތިއުފާ ދެއްވާފައިވަނީ އޭނާގެ ތަޢުލީމީ ސަނަދުތަކާއި ގުޅޭގޮތުން ބޮޑެތި ސުވާލުތަކެއް އުފެދުމާއި ގުޅިގެންނެވެ.
ރަންވަލާ އިސްތިއުފާ ދެއްވާފައިވަނީ އޭނާ ޖަޕާނުގެ ވަސެދާ ޔުނިވަރސިޓީން ޑޮކްޓަރޭޓެއް އަދި މޮރަޓުވާ ޔުނިވަރސިޓީން ކެމިކަލް އިންޖިނިއަރިންގ ޑިގްރީއެއް ހާސިލުކުރައްވާފައިވާ ކަމަށް ދައްކުވައިދޭ ލިޔެކިޔުންތައް ނެތްކަމަށް ބުނެ އުފެދުނު ސުވާލުތަކާއި ގުޅިގެންނެވެ. މަގާމުން އިސްތިއުފާ ދެއްވިކަން އިޢުލާން ކުރައްވައި ރަންވަލާ ވިދާޅުވީ އޭނާ އެއްވެސް ދޮގު މަޢުލޫމާތެއް ދެއްވާފައި ނުވާ ކަމަށާއި، ނަމަވެސް މިވަގުތު ބައެއް ލިޔެކިޔުންތައް ނެތުމުގެ ސަބަބުން ތަޢުލީމީ ސަނަދުތައް ސާބިތުކޮށްދިނުމަށް ދަތިވާ ކަމަށެވެ.
"އަޅުގަނޑު ޑޮކްޓަރޭޓް ހާސިލުކުރި ޖަޕާނުގެ ވަސެދާ ޔުނިވަރސިޓީއާ ގުޅުންހުރި ރިސަރޗް އިންސްޓިޓިއުޓްތަކުން ތަޢުލީމީ ލިޔެކިޔުންތައް ހުށަހަޅަން ގަސްދުކުރަން،" އޭނާ ވިދާޅުވިއެވެ. ނަމަވެސް، މިހާރުގެ ހާލަތަށް ރިޢާޔަތްކޮށް، އަދި ރައްޔިތުން ސަރުކާރަށް ކުރާ އިތުބާރު ގެއްލެން ބޭނުން ނުވާތީ އިސްތިއުފާ ދެއްވާ ކަމަށް ރަންވަލާ ވިދާޅުވިއެވެ.
މި މައްސަލަ ހޫނުވެގެން ދިޔައީ އިދިކޮޅު ޕާޓީ ސަމަގި ޖަނަ ބަލަވެގަޔާއިން (އެސްޖޭބީ) ރަންވަލާއާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ހުށަހެޅުމާއި ގުޅިގެންނެވެ. މި ހުށަހެޅުމުގައި ރަންވަލާ ޑޮކްޓަރޭޓަކާއި ކެމިކަލް އިންޖިނިއަރިންގ ޑިގްރީއެއް ހާސިލުކުރައްވާފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
ކުރީގައި ރަންވަލާގެ ތަޢުލީމީ ސަނަދުތަކުގެ މަޢުލޫމާތު އޭނާގެ ލިންކްޑްއިން ޕްރޮފައިލްގައި އަދި ޕާލިމެންޓުގެ ރަސްމީ ވެބްސައިޓުގައި ހިމަނާފައިވެއެވެ. އޭގައި އޭނާ ވަސެދާ ޔުނިވަރސިޓީން ބަޔޯކެމިސްޓްރީގެ ޕީއެޗްޑީއެއް އަދި މޮރަޓުވާ ޔުނިވަރސިޓީން ކެމިކަލް އިންޖިނިއަރިންގ ޑިގްރީއެއް ހާސިލުކުރައްވާފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މި މަޢުލޫމާތުތަކުގެ ޞައްޙަކަމާމެދު ސުވާލު އުފެދި، އާންމުންގެ ފާޑުކިޔުންތައް އިތުރުވުމާއި ގުޅިގެން، އޭނާގެ ޕްރޮފައިލް އަޕްޑޭޓްކޮށް، "ޑރ." މަޤާމު ނަން އުނިކޮށް، ހަމައެކަނި "އަސޯކާ ރަންވަލާ އެމްޕީ" ގެ ގޮތުގައި ބަދަލުކޮށްފައިވެއެވެ.
ފެކްޓް ޗެކިންގ ޖަމްޢިއްޔާއެއް ކަމަށްވާ ފެކްޓްކްރެސެންޑޯއިން ސުވާލު އުފެއްދުމާއި ގުޅިގެން، ރަންވަލާ ވަނީ އޭނާ މޮރަޓުވާ ޔުނިވަރސިޓީން ޑިގްރީއެއް ހާސިލުކުރައްވާފައި ނުވާކަން އެއްބަސްވެ ވަޑައިގެންފައެވެ. މިއީ އޭނާ ކުރިން ދެއްވާފައިވާ މަޢުލޫމާތާއި ފުށުއަރާ ކަމެއްކަމަށް ފާހަގަކުރެވެއެވެ.









