ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައެޅުއްވި ސަފީރު ޑރ އިރުތިޝާމް އާދަމް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އިނގިރޭސިވިލާތުގެ ރަސްގެފާނަށް އަރުވައިފިއެވެ.
އިއްޔެ ބަކިންހަމް ޕެލަސްގައި ބޭއްވި ރަސްމިއްޔާތެއްގައި އިރުތިޝާމްގެ ސަފީރުކަމުގެ ފަތްކޮޅު އަރުވާފައިވަނީ އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް 3 އަށެވެ.
ސަފީރުކަމުގެ މަޤާމާ އިރުތިޝާމް ހަވާލުވުމާ ގުޅިގެން ޗާލްސް ވަނީ އިރުތިޝާމް އަށް މަރުހަބާ ދަންނަވާފައެވެ. އަދި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ޗާލްސް ވަނީ ވިދާޅުވެފައެވެ.
އިއްޔެގެ ރަސްމިއްޔާތުގައި އިރުތިޝާމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ރާއްޖެ އާއި އިނގިރޭސިވިލާތާ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެ ރަސްމިއްޔާތަށްފަހު ވަނީ ސެއިންޓް ޖޭމްސް ކޯޓް ލަންޑަންގެ އަ ތާޖް ހޮޓެލްގައި ރިސެޕްޝަނެއް ވެސް ބާއްވާފައެވެ. އެ ރިސެޕްޝަނުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާއި ސާކް އަދި ކޮމަންވެލްތު ޤައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓިކް ކޯގެ ޑީން ކަމުގައިވާ ހޮންޑިއޫރަސްގެ ސަފީރު އިވާން ރޮމޭރޯ މާޓިނޭޒާއި ޔޫކޭގެ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އޮފީހުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓުގެ އޮފިޝަލުން އަދި ކޮމަންވެލްތު ސެކްރެޓޭރިއޭޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މޯލްޑިވްސް-ޔޫކޭ ޕާލިމަންޓަރީ ގްރޫޕްގެ ކޯ-ޗެއާ އާއި އިނގިރޭސިވިލާތު ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ އިސްވެރިންނާއި ބައިނަލްއަޤުވާމީ ޖަމާޢަތްތަކުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގައި ދިރިއުޅޭ ބައެއް ދިވެހިންނާއި މީޑިއާގެ ފަރާތްތައް ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ ސަފީރު އިރުތިޝާމްގެ އަރިހުގައި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުގެ ނައިބު އަހްމަދު މުހައްްމަދު، ޑިފެންސް އެޓާޝޭ ކާނަލް ހުސެއިން ފައިރޫޝް، ފަސްޓް ސެކްރެޓަރީ މަރިޔަމް އާސިފް އަދި ތާޑް ސެކްރެޓަރީ އާމިނަތު ސަމްރާވެސް ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ.









