ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޒައެނިސްޓުން ޣައްޒާގައި ހިންގަމުންދާ ޖަރީމާ ތަކާއި ގުޅިގެން ސަރުކާރުން އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު ނާާޅައިގެން އެމެރިކާ އާއި ޔޫރަޕްގެ ބައެއް ޤައުމުތަކުން 100 އަށް ވުރެ ގިނަ ސިޔާސީ ބޭފުޅުން މަޤާމުން އިސްތިއުފާ ދީފިއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ގިނަ މީހުން އިސްތިއުފާ ދިނީ ޣައްޒާގެ ހަމަނުޖެހުން ބޮޑުވި ފަހުން، އިސްރާއީލުގެ ޖަރީމާ ތަކަށް އެ ޤައުމުތަކުން ތާއީދުކުރާ ކަމަށް ބެލެވޭ ސިޔާސަތުތަކެއް ގެންގުޅޭތީއެވެ.
މަޤާމުން އިސްތިއުފާ ދީފައިވާ ފާހަގަ ކޮށްލެވޭ މީހުންގެ ތެރޭގައި އެމެރިކާގެ ސަރުކާރުގެ އެނއމެ އެތެރެއިން ފެށިގެން ދިފާޢީ ބާރާއި، އަސްކަރީ ޕައިލެޓުންނާއި އަދި ތަޢުލީމީ ވުޒާރާވެސް ހިމެނެއެވެ. އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ޑިޕާޓްމަންޓް އޮފް އިންޓީރިއާގެ މަރިޔަމް ހަސަނީން ވަނީ އެމެރިކާގެ ސިޔާސަތަކީ "ނަސްލު ނައްތާލުމަށް" މަގުފަހިވެ، އަރަބިންނާއި މުސްލިމުން އިންސާނިއްޔަތުކަން ގެއްލިގެންދާ ސިޔާސަތެއް ކަމަށް ބުނެ ފާޑު ވިދާޅުވެފައެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް ޕޮލިޓިކަލް-މިލިޓަރީ އެފެއާޒްގެ ޖޯޝް ޕޯލް އިސްތިއުފާ ދެއްވަމުން ވިދާޅުވީ އިސްރާއީލަށް އެމެރިކާއިން އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޣައްޒާ ރައްޔިތުން ކުށަކާއި ނުލައި ޝަހީދުކޮށްލުމަށް ހިންގާ ޖަރީމާގައި ބައިވެރިވުން ކަމަށެވެ.
އެމެރިކާގެ ބިއުރޯ އޮފް ޑިމޮކްރަސީ، ހިއުމަން ރައިޓްސް، އެންޑް ލޭބަރގެ ފޮރިން އެފެއާޒް އޮފިސަރު އެނެލް ޝެލައިން ވެސް ވަނީ ޣައްޒާގެ މިސްލިމުން ކުށަކާއި ނުލައި ޝަހީދުކޮށްލަން އެމެރިކާ އިން އިސްރާއީލަށް ހަތިޔާރު ދޭތީވެ މަގާމުން ވަކިވެވަޑައިގެންފައެވެ. މީގެ އިތުރުން ވެސް އެމެރިކާގެ މަޤާމުތަކުން އިސްތިއުފާ ދެއްވާފައިވާ އެހެން ބޭފުޅުންގެ ތެރޭގައި ލިލީ ގްރީންބަރގް ކޯލް (ޑިޕާޓްމަންޓް އޮފް އިންޓީރިއާ)، ހެރިސަން މާން (ޑިފެންސް އިންޓެލިޖެންސް އެޖެންސީ)، މުހައްމަދު އަބޫ ހާޝެމް (ޔޫ.އެސް އެއާފޯސް)، ސްޓޭސީ ގިލްބަޓް (ސްޓޭޓް ޑިޕާޓްމަންޓް)، އަނާ ޑެލް ކަސްޓިލޯ (ވައިޓް ހައުސް އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓް)، ތާރިގް ހަބާޝް (ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަން)، ހާލާ ރަހަރިޓް (ސްޓޭޓް)، އަދި އެލެގްޒެންޑަރ ސްމިތު (ޔޫއެސްއެއިޑް) ހިމެނެއެވެ.
އިނގިރޭސިވިލާތަށް ބަލާއިރު، އެ ޤައުމުގެ ސަރުކާރުން އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު ނޭޅި މައްސަލައިގައި ވެރިކަން ހިންގާ ލޭބާ ޕާޓީގެ 30 އަށް ވުރެ ގިނަ ކައުންސިލަރުން އިސްތިއުފާ ދިނެވެ. އަދި ޕާލަމެންޓުގައި ނަގާފައިވާ ވޯޓު ތަކަށް ވެސް ވެރިކަންކުރާ ޕާޓީގެ 56 މެންބަރުން އެތައް ފަހަރަކު ވިޕާއި ޚިލާފުވިއެވެ.
ޣައްޒާ މައްސަލައިގައި ޔޫރަޕްގައި އެންމެ ފަހުން އިސްތިއުފާ ދެއްވި މުހިއްމު ބޭފުޅަކީ ނެދަލެންޑްސްގެ ފޮރިން މިނިސްޓަރު ކަސްޕާ ވެލްޑްކަމްޕެވެ.
ޣައްޒާ މައްސަލައިގައި ހުޅަނގުގެ ކާފަރުން މަޤާމުން އިސްތިއުފާ ދެމުން ދާއިރު މުސްލިމު އުއްމަތޭ، އެއް ބައެކޭ ބުނެ ޣައްޒާ އަށްޓަކައި ދުނިޔޭގެ ބޮޑެތި މުސްލިމު ޤައުމުތަކުން ނުކުރާ މަސައްކަތް ހުޅަނގުގެ ބައެއް ކާފަރުންވެސް ކުރަމުންދާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ބައެއް މީހުން ދަނީ ޚިޔާލު ފާޅުކުރަމުންނެވެ.









