ސައިބަރ އެޓޭކެއްގެ ސަބަބުން އިނގިރޭސިވިލާތާއި ޔޫރަޕްގެ އެކި ޤައުމުތަކުގެ ބައެއް އެއާޕޯޓްތަކުގެ އޮޕަރޭޝަންތަކަށް ބުރޫ އަރައި، ފުލައިޓުތައް ޑިލޭ ވެ އެތައް ފުލައިޓެއް ކެންސަލް ވެ އަދި އެތައް ހާސް ފަސިންޖަރުންނެއް އެއާޕޯޓުތަކުގައި ތަށި ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ އިލެކްޓްރޯނިކް ޗެކް އިން އާއި ބޯޑިން އަދި ބެގޭޖް ހެންޑްލިން މެނޭޖްކުރާ ކޮލިންސް އެއަރޮސްޕޭސްގެ އެމްޔޫއެސް ސިސްޓަމަށެވެ.
އިނގިރޭސިވިލާތުގައި މިއަދު 500 އަށް ވުރެ ގިނަ ފްލައިޓް ލަސްވެފައިވާއިރު، މިވަގުތު ޗެކު ކުރަމުން ދަނީ މެނުއަލްކޮށެވެ. ބްރަސެލްސް، ބާލިން، ޑަބްލިން، އަދި ކޯކްގެ އެއާޕޯޓްތަކަށް ވެސް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ.

ވިލާތުގެ އެއާޕޯޓުތަކަށް ސައިބަރ ޙަމަލާއެއް ދިނުމުގެ ސަބަބުން ފުލައިޓުތައް ޑިލޭވެ ޕަސެންޖަރުން ތާށިވެއްޖެ.
ބްރަސެލްސް އެއާޕޯޓުގެ ދަތުރުތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކެންސަލް ވެފައި ވާއިރު، ހަތިޔާރު އުފައްދާ އާރުޓީއެކްސްގެ ސަބްސިޑަރީއެއް ކަމަށްވާ އެމެރިކާގެ ކޮލިންސް އެއާސްޕޭސް އިން ބުނީ މި މައްސަލަ ހައްލުވާނީ މާދަމާ ކަމަށެވެ.
އިނގިރޭސިވިލާތުން ނެރުނު ބަޔާނެއްގައި ބުނީ ޓްރާންސްޕޯޓް މިނިސްޓަރު ހައިޑީ އެލެގްޒެންޑަރ އާއި ޔޫރަޕިއަން ކޮމިޝަނުން ދަނީ މި ކަން ވަރަށް ގާތުން ބަލަމުން ކަމަށާއި އެއާ ޓްރެފިކް ކޮންޓްރޯލް ފަދަ ކޯ އޭވިއޭޝަން އޮޕަރޭޝަންތަކަށް އަސަރެއް ނުކުރާ ކަމަށެވެ.
މި ޙަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނުނަގައެވެ.




