ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް، އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާ މައްސަލައެއް ފާހަގަކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ. ސައިބަރ ސެކިއުރިޓީ އޮޕަރޭޝަންސް ސެންޓަރު (ސީސޮކް) އިން މޮނިޓަރ ކުރަމުންދާ މި ކަންތައްތަކުގައި، ރަސްމީ އިދާރާތަކުން ފޮނުވާ ސައްހަ އީމެއިލްތަކެއްގެ ގޮތަށް ދައްކުވައިދީގެން ހަމަލާތައް ދެމުންދާކަން ވަނީ ހާމަވެފައެވެ.
މި އީމެއިލްތަކުގައި ހިމަނާފައި ހުންނަ ނުރައްކާތެރި ލިންކުތަކާއި ފައިލްތަކަކީ ރަސްމީ އިންވިޓޭޝަންތަކާއި ލިޔެކިޔުންތަކުގެ ގޮތުގައި ފޮނުވާ އެއްޗެެއްކަމަށް ފުލުހުން ބުނެއެވެ. މިފަދަ ލިންކުތަކަށް ވަދެވިއްޖެނަމަ ޔޫޒަރނޭމް އަދި ޕާސްވޯޑް ފަދަ ސިއްރު މައުލޫމާތުތައް ހެކަރުންނަށް ލިބި، އިދާރާތަކުގެ ނެޓްވޯކްތައް ކޮމްޕްރޮމައިޒްވުމުގެ ފުރުސަތު ބޮޑުވެއެވެ. މިއީ ވަކި އަމާޒެއް ކަނޑައަޅައިގެން ރޭވިގެން ހިންގާ ކެމްޕެއިނެއް ކަމަށް ލަފާކުރެވޭއިރު، ސީސޮކުން ދަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ނުރައްކާތެރި ވެބްސައިޓްތައް ބްލޮކްކޮށް މިކަން ގާތުން މޮނިޓަރ ކުރަމުންނެވެ.
މިފަދަ ސައިބަރ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި، ރަސްމީ ނަމެއްގައި ފޮނުވާފައިވާ އީމެއިލްއެއް ކަމުގައިވިޔަސް، ޝައްކުވާ ޒާތުގެ އީމެއިލްތަކުގެ ލިންކުތަކާއި އެޓޭޗްމެންޓްތައް ނުހުޅުވުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި އާދަޔާހިލާފު ކަމަކަށް އެދިފައިވާނަމަ އެހެން ޒަރީއާއަކުން އެކަން ކަށަވަރުކުރުމާއި، އެކައުންޓްތަކުގައި މަލްޓި-ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. ޝައްކުކުރެވޭ ފައިލެއް ނުވަތަ ލިންކެއް ހުޅުވިއްޖެނަމަ އަމިއްލައަށް ހައްލުކުރުމުގެ ބަދަލުގައި، ވަގުތުން ކޮމްޕިއުޓަރު ނެޓްވޯކުން ޑިސްކަނެކްޓްކޮށް އައި.ޓީ ޓީމުގެ އެހީތެރިކަން ހޯދުމަށް އިރުޝާދުދީފައިވެއެވެ.
މިކަމާ ގުޅޭ އިތުރު ޓެކްނިކަލް ތަފުސީލުތައް ސައިބަރ ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.







