ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓެކްނިކަލް މުވައްޒަފުންނާއި އިސްވެރިންނަށް އަމާޒުކޮށްގެން ސައިބަރ ޑްރިލް އަދި ސައިބަރ ކްރައިސިސް ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
ސެޕްޓެމްބަރު މަހުގެ 8 އިން 9 އަކާ ހަމައަށް، 2 ދުވަހަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި ޚާއްސަ ތަމްރީނު އެކްސަސައިޒަކީ ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫއޭއީ ސަރުކާރުގެ ސައިބަރ ސެކިއުރިޓީ ކައުންސިލު ގުޅިގެން ހިންގާ ސައިބަރ ސެކިއުރިޓީ ޕްރޮޖެކްޓްގެ ދަށުން، ޔޫއޭއީގެ ސީޕީއެކްސް ކޮމްޕެނީއާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއްކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރިއެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ފުލުހުންގެ ހިދުމަތުގެ ސައިބަރ ސެކިއުރިޓީ ރެސްޕޯންސްގެ ފެންވަރު ވަޒަންކުރުމާއި، ސީނިއަރ މެނޭޖުމަންޓު މުވައްޒަފުންގެ އެގްޒެކެޓިވް ކްރައިސިސް މެނޭޖްމަންޓް މިންވަރު ދެނެގަނެ އިތުރަށް ހަރުދަނާކުރުންކަމުގައި އެ އިދާރާއިން ހާމަކުރިއެވެ. އެގޮތުން، ނުރައްކާތެރި ސައިބަރ ހާދިސާއެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޓެކްނިކަލް އިޖުރާއަތްތަކާއި، ޕޮލިސީ ލެވެލްގައި ނިންމަންޖެހޭ މުހިންމު ނިންމުންތައް ނިންމާނެ ގޮތްތައް ވަޒަންކުރުމަށް އެކި ކަހަލަ ސިނާރިއޯތައް މުރާޖައާކޮށް އަމަލީ ގޮތުން ސިމިއުލޭޓްކޮށްފަވާކަމުގައިވެސް އެ އިދާރާއިން ފާޅުކުރިއެވެ.
މި އެކްސަސައިޒްގައި ފުލުހުންގެ މުހިންމު ގިނަ ބާހާތަކެއްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީގެ ސައިބަރ ކްރައިމް އަދި ސައިބަރ ސެކިއުރިޓީ، ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗަރ، އަދި ޑިޖިޓަލް އެންޑް އާޓިފިޝަލް އިންޓެލިޖެންސް ސާވިސަސްގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ. މީގެއިތުރުން ކޮމިޝަނަރ ބިއުރޯ، ސްޓްރެޖެޓިކް ޕްލޭނިންގ އެންޑް ލީގަލް ސާވިސަސް، ހިއުމަން ރިސޯސަސް، ފައިނޭންސް މެނޭޖްމަންޓް އަދި ޕްރޮފެޝަނަލް ސްޓޭންޑާޑްސް ބަހާގެ އިސްވެރިންވެސް މި ޕްރޮގްރާމްގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.









