ލުބުނާނުގައި ތިބި އިސްރާއީލް ފައުޖުން މަޑުމަޑުން ފައިބައިގެންދާ ދަނޑިވަޅުގައި ހެދިފައިވާ އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތައް ބެއްލެވުމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ އާމީ ޖެނެރަލް މައިކަލް ކުރެލާ ބެއިރޫތަށް ވަޑައިގެންފިއެވެ.
ޔަހޫދީ ދައުލަތާއި ލުބުނާނުގެ ޙިޒްބުﷲ ޖަމާޢަތާއި ދެމެދު އަހަރަކަށް ވުރެ ގިނަ ދުވަހު ހިނގަމުންދިޔަ ހަނގުރާމަ ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގެ ދަށުން، ދެފަރާތުން ވެސް 60 ދުވަހުގެ މުއްދަތަށް ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން، ޔަހޫދީ ފައުޖުގެ ސިފައިން ފޭބުމުގެ މަސައްކަތް ކުރިއަށްދަނީ މަރުޙަލާތަކަކަށް ބަހާލައިގެންނެވެ. މީގެ އިތުރުން، ޙިޒްބުﷲގެ ހަނގުރާމަވެރިން ދެކުނުގައި ޤާއިމުކޮށްފައިވާ އަސްކަރީ މަޤާމުތައް ދޫކޮށް، ޔަހޫދީ ދައުލަތާއި ލުބުނާނާއި ދެމެދު އޮންނަ ސަރަޙައްދީ ރޮނގުގެ 30 ކިލޯމީޓަރު އުތުރަށް ޖެހިލުމަށްވެސް އެއްބަސްވެފައިވެއެވެ.
ޖެނެރަލް ކުރެލާގެ މި ދަތުރުފުޅުގައި، ބެއިރޫތުގައި ހުންނަ މޮނިޓަރިންގ މައި މަރުކަޒަށް ޒިޔާރަތްކުރައްވައި، ލުބުނާނުގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ޖޯސެފް އައުނާއާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި، އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ޖެނެރަލް ކުރެލާ ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ޙަމަލާތައް ދާއިމީގޮތެއްގައި ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަސައްކަތަކީ ކުރިއަށް އޮތްތަނުގައި އިތުރު ކުރިއެރުންތައް ހޯދުމަށް އެޅޭ ބިންގަލެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގެ ތަންފީޛީ މަރުޙަލާގެ ކަންކަން ބަލަހައްޓައި، މެދުވެރިއެއްގެ ދައުރު އަދާކުރަމުން ގެންދަނީ އެމެރިކާއިންނެވެ.









