2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާ ޤައުމެއްގެ ގޮތުގައި ސައޫދީ އަރަބިއްޔާ ހޮވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ޤައުމުގެ ވެރިންނަށާއި ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސައުދީގައި ވޯލްޑް ކަޕް ބޭއްވުމަށް ލިބުނު ފުރުސަތާއި ގުޅިގެން ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަދި މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒްއާއި، ވަލީއަހުދު އަދި ބޮޑު ވަޒީރު މުޙައްމަދު ބިން ސަލްމާނާއި، އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ސައުދީއަށް ލިބިގެންދިޔަ މި ފަޚުރުވެރި ކާމިޔާބީއަކީ ދުނިޔޭގެ މަސްރަޙުގައި އެ ޤައުމުން އަދާކުރާ އިސް ދައުރާއި، ފަސްނުޖެހި ފުރިހަމަ އަޒުމާއެކު ދައްކަވާ ނަމޫނާގެ އަލިގަދަ ހެއްކެކެވެ. އަދި މިއީ އެ ޤައުމުގެ އިތުރުން މުޅި އަރަބި ދުނިޔެއާއި އިސްލާމީ މުޖުތަމަޢަށްވެސް ފަޚުރުވެރިވާ ވަގުތުކޮޅެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ސައުދީގައި ބާއްވާ ވޯލްޑް ކަޕަކީ މޮޅު ކުޅުންތަކެއް ފެނިގެންދާ މުބާރާތަކަށް ވުމުގެ އިތުރުން އެއްބައިވަންތަކަމާއި، ޘަޤާފަތާއި، އައު ކަންތައްތަކެއް ފެނިގެންދާނެ މުބާރާތަކަށް ވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.









