އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައާއި ދެކޮޅަށް ސައުތު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި އުފުލާފައިވާ ދަޢުވާއަށް އަޔަލޭންޑުން ރަސްމީކޮށް ތާއީދުކޮށްފިއެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި އަޔަލެންޑްގެ ފޮރިން އެފެއާޒް މިނިސްޓަރ މިޝެލް މާޓިން ވިދާޅުވި ގޮތުގައި، އެ ޤައުމުން ވަނީ މި މައްސަލައިގައި އިންޓަވެންޝަން ކޭސްއެއް ހުށަހެޅުމަށް ނިންމައިފައެވެ. މިގޮތުން، ދައުލަތަކުން ހިންގާ ނަސްލު ނައްތާލުމުގެ ޢަމަލުތަކުގެ މާނަ ފުޅާކުރުމަށް މަސައްކަތްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ނަސްލު ނައްތާލުމުގެ މާނަ ވަރަށް ހަނިކޮށް މާނަކުރުމުގެ ސަބަބުން، އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް އިހުމާލުވެ، އަދަބު ނުލިބޭ މާހައުލެއް އުފެދިގެންދާތީ އެކަމާމެދު ކަންބޮޑުވޭ،" މާޓިން ވިދާޅުވިއެވެ.
މިހާތަނަށް ބްރެޒިލް، ތުރުކީ، މެލޭޝިއާ، ޗިލީ، ސްޕެއިން، ޕާކިސްތާން އަދި ސީރިއާ ވަނީ މި މައްސަލައިގައި ސައުތު އެފްރިކާއަށް ތާއީދުކޮށްފައެވެ. މި މައްސަލަ ސައުތު އެފްރިކާއިން ހުށަހެޅީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ޖެނުއަރީ މަހު އައިސީޖޭ އިން ނެރުނު ރޫލިންގއެއްގައި ބުނެފައިވަނީ ޣައްޒާގައި ނަސްލު ނައްތާލުމުގެ ނުރައްކާ އޮތް ކަމަށާއި، އާންމުންނަށް ގެއްލުން ލިބެމުންދާ ކަމަށެވެ. އެހެންނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް އަމުރުކުރުމުގެ ބަދަލުގައި، ނަސްލު ނައްތާލުން ހުއްޓުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް އިސްރާއީލަށް އަމުރުކުރިއެވެ.









