ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ޤައުމީ ވިސްނުމެއްގައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައިފިއެވެ. މި ވާހަކަ މެންބަރުން ދެއްކެވީ އިއްޔެ ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ސަރުކާރުން ހުށަހަޅުއްވާފައިވާ ބޭރު ފައިސާއާބެހޭ ބިލަށް ބަހުސްކުރެއްވުމުގެ ތެރޭގައެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ހާލަތާއި ބޭރު ފައިސާގެ ދަތިތަކަށް ބަލާއިރު މި ބިލު ވަރަށް މުހިންމު ކަމަށެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް މިފަދަ ޤާނޫނުތައް ހެދިފައިވާ ކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ އެކި ދާއިރާތަކަށް ފައިދާ ކުރާނެ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކު ހަނގުރާމަ ކުރުމުގެ ބަދަލުގައި މި ޤައުމު ޑީފޯލްޓް ވިޔަ ނުދީ ހިފެހެއްޓުމައްޓަކައި، އަދި މި ޤައުމަށް ވަންނަ ބޭރު ފައިސާ ހަމަޖެހޭ ގޮތެއްގައި އެއްފަހަރާ ނޫން ކަމުގައިވީނަމަވެސް އަޅުގަނޑުމެންނަށް އެހެން ޤައުމުތަކުން ލޯނު ދެއްކުމަށް ލޯނު އިތުރަށް ނުނަގައި ފަރުޖެއްސެން އެބައޮތޭ ޤައުމީ ވިސްނުމެއްގައި މިކަން ވިސްނައިގެން," މެންބަރު ޝުޖާޢު ވިދާޅުވިއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ މި ބިލުގެ ސަބަބުން އަހަރަކު 900 މިލިއަން ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށާއި، މީގެ ސަބަބުން އެކި ސިނާއަތްތަކަށް ފައިދާވާނެ ކަމަށެވެ. ނަމަވެސް، ޑޮލަރުގެ އަގު މައްޗަށް ދިއުމުން އާންމު ދިރިއުޅުމުގެ ހާލަތު ގޯސްވެ، ބޭނުންކުރާ ހުރިހާ އެއްޗެއްގެ އަގު މައްޗަށް ދާނެ ކަމަށްވެސް އެ މެންބަރު ފާހަގަކުރެއްވިއެވެ.
ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިގްތިސާދުގައި އެންމެ މުހިންމު ދާއިރާއަށްވާއިރު، މި ބިލާއި ގުޅޭގޮތުން އެ ދާއިރާގެ ފަރާތްތަކާއި މަޝްވަރާ ކުރަންޖެހޭ ކަމަށެވެ. އަދި ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ގެއްލުން ނުވާނެ ގޮތަކަށް މި ޤާނޫނު އެކުލަވާލުމަކީ އެ މެންބަރު އެދިވަޑައިގަންނަވާ ގޮތް ކަމުގައި ވިދާޅުވިއެވެ.
ބޭރު ފައިސާއާ ބެހޭ ބިލުގައިވާ ގޮތުން، ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން، ނުވަތަ އެ މަހެއްގެ ތެރޭގައި އެ ފަރާތަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ބޭންކިން ނިޒާމުގެތެރެއިން މާރުކުރަންޖެހޭނެއެވެ. އަދި ރިސޯޓުތައް ފިޔަވައި، ރާއްޖޭގައި ހިންގާ ގެސްޓު ހައުސްތަކާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ އުޅަނދުތަކާއި އެނޫންވެސް ތަންތަނަށް އަންނަ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އެތަނަކަށް މީލާދީ މަހެއްގައި ލިބޭ ބޭރު ފައިސާގެ ޢާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭނެއެވެ.









