ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި ރާއްޖޭގެ މަސް ޕްރޮސެސިންގ ކެޕޭސިޓީ 300 ޓަނަށް އިތުރުކުރެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތަކުގެ ދަށުން 5 ބިލިއަން ރުފިޔާ އިންވެސްޓް ކުރަން ޖެހޭ ކަމަށާއި، އެ ފައިސާ މިހާރު ވަނީ ހޯދާފައި ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތުގައި ކުރަން ހުރި ހުރިހާ މަސައްކަތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާއި، މި މަސައްކަތްތައް ކުރިއަށް އޮތް ދޮޅު އަހަރާއި ދެ އަހަރާއި ދޭތެރޭގައި ނިންމައި، އެ ތަންތަނުން ޚިދުމަތް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ދައްކަންޖެހޭ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ ހުރި ކަމަށާއި، ފައިސާ ޗާޕުކޮށްގެން ވެސް މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކާ ހުރި ކަމަށެވެ. މިކަމާއި ގުޅިގެން ވަޒީރު ފާހަގަކުރެއްވީ، އެއްވެސް ކަހަލަ ރޭވުންތެރިކަމެއް ނެތި ކޮށްފައި ހުރި ކަންތައްތަކެއް ކަމަށާއި، ފައިސާ ޗާޕުކުރަމުން އައިސްވެސް ބިލްތަކަށް ފައިސާ ނުދައްކާ ހުރުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށާ، ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖޭގެ މަހުގެ އެޑްވާންޓޭޖް ނަގާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ކުރިއަށް އޮތް ދެއަހަރު މަހުގެ ކެޕޭސިޓީ 300 ޓަނަށް ބަދަލުވެއްޖެ ކަމަށްވަންޏާ ސަރުކާރުގެ އެހެރަ ކެޕޭސިޓީއިން ރާއްޖެއަށް ބާނާ މަހުގެ 90 ޕަސެންޓުގެ އަގު އެއްކުރެވޭނެ ކެޕޭސިޓީ އޭރުން ގާއިމްކުރެވޭނެ،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު އިތުރަށް ވިދާޅުވީ، މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށާއި، ބައެއް ރަށްރަށުގައި މަސް ޕްރޮސެސިންގ ޕްލާންޓްތައް ޤާއިމުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ ހަމައެކަނި މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ނޫން. މުޅި މަސްވެރިކަމުގެ ވެލިއު ޗެއިން ހަރުދަނާކޮށް، މަސްވެރިންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ވެސް މަސައްކަތް ކުރަމުން މިދަނީ،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ ކަމަށާއި، އެގޮތުން މަސްވެރިކަމާ ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ރޭވިފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.









