މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ތ. ފުނައްޑޫ އާއި ގއ. މާނާގަލާ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ތ. ފުނައްޑޫއަކީ ކުރިން މަސްވެރިކަމުގެ ބޮޑެތި ހަރަކާތްތަކެއް ހިނގި ތަނެއް ނަމަވެސް، އެތަން އޮތީ ވަރަށް ބޮޑަށް ވީރާނާވެފައި ކަމަށެވެ. އެހެންކަމުން އެތަން އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި މިހާރު އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށާއި، އަމާޒަކީ މިއަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށް ޑިސެމްބަރު މަހު އެތަނުގައި މަސް ގަތުމުގެ މަސައްކަތް ފެށުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ގއ. މާނާގަލާވެސް މިއަހަރުގެ ޑިސެމްބަރު މަހު އޮޕަރޭޝަނަށް ގެނައުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މާނާގަލައަކީ މަސްވެރިންނަށް ކުރިމަތިވެފައިވާ އެންވެރިކަމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި އެން އާލާކުރުމުގެ މަސައްކަތް ފަށާނެ ފުރަތަމަ ސެންޓަރެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މާނާގަލާ ބޭރުގައި އެން އާލާކުރުމުގެ ތަހުލީލުތައް ކުރަމުންދާތާ އަށް މަސް ދުވަސް ވެފައިވާއިރު، އެ މަސައްކަތް ވަނީ ކާމިޔާބުވެފައެވެ.
"މާނާގަލާ އަކީ އަޅުގަނޑުމެން އެންމެ ފުރަތަމަ އެގޮތަށް އޮޕަރޭޝަނަށް ގެންނާނެ އެއް ސެންޓަރު. މީގެ ކުރިން ދެ ތާރީޚެއް ކަނޑައެޅުނު ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް ނުނިމި އޮތީ. އެހެންނަމަވެސް މިހާރު މި ބަލަނީ މިއަހަރުގެ ޑިސެމްބަރުގައި އެތަން އޮޕަރޭޝަނަށް ގެނެވޭތޯ،"
މިނިސްޓަރު އަހްމަދު ޝިޔާމް
ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސްވެރިންނަށް ފަސޭހައިން އެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. އެގޮތުން މާނާގަލައިގެ އިތުރުން ކ. މަނިޔަފުށީގައިވެސް އެން އާލާކުރުމުގެ ތަހުލީލުތައް މިހާރު ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުތައް ނިމި އޮޕަރޭޝަނަށް އައުމުން، މަސްވެރިން ބާނާ މަސް ގަތުމުގެ ޤާބިލުކަން އިތުރުވެ، އެން ހޯދުމަށް މަސްވެރިން ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.









