މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް (ސީޑީއެސްއެސް) އާއި ފޮރިން މިނިސްޓްރީގެ ފޮރިން ސާވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
އެ އެއްބަަސްވުމުގައި ސޮއިކުރީ އެކަމަށްޓަކައި ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ އެއްބަސްވުމުގައި ސީޑީއެސްއެސްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮލެޖުގެ ކޮމާންޑިން އޮފިސަރު ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ އިބްރާހީމެވެ. އަދި ފޮސިމްގެ ފަރާތުން ސޮއިކުރެއްވީ ފޮރިން ސެކެރެޓަރީ ފާތިމަތު އިނާޔާ އެވެ.
އެމްއެންޑީއެފުން ބުނީ މި އެއްބަސްވުމުގެ ދަށުން ދެ އިދާރާގެ ދެމެދު ޢިލްމީ ރޮނގުންނާއި ޢަމަލީ ގޮތުން މުވައްޒަފުންގެ ޤާބިލުކަން އިތުރުކޮށް ފުޅާކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ވެސް ބުނީ މިއީ ދެ އިދާރާގެ މުވައްޒަފުންގެ ގާބިލްކަން އިތުރުކޮށް، އިދާރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.









