ރައްޔިތުންގެ ނުރުހުމުގައި ޕާޓީ ބަދަލުކޮށްގެން ގޮނޑި ގެއްލުނަސް އެ ގޮނޑި ހޯދައިދޭނަމޭ ބުނެ ހީލަތްތެރި ގޮތެއް އެމްޑީޕީން ހަދައިފިއެވެ. އެޕާޓީގެ ޤައުމީ މަޖިލީހުން ރޭ ފާސްކުރި ޤަރާރުގައި، ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙުގެ ސަބަބުން (މެމްބަރު އިންތިޚާބުކުރި ރައްޔިތުންގެ ޚިޔާލާއި ވިންދާއި ދެކޮޅަށް ކުރާ ޢަމަލަކުން) އޭނާ ޕާޓީން ވަކިކުރުމުން، އެ މެންބަރަކު އަލުން އިންތިޚާބުކުރުމަށް އެހީތެރިވުމަށް އިޤްރާރުވީއިރު، ހިނގަމުންމިދާ 20 ވަނަ މަޖިލީހުގެ އެމްޑީޕީގެ މެމްބަރަކު ވިދާޅުވީ އެގޮތަށް އެމްޑީޕީން އިޤްރާރު ވިޔަސް އެ މެންބަރަކަށް އަލުން ގޮނޑި ލިބުމަކީ މުސްތަޙީލު ކަމެއް ކަމަށާއި އަދި އެއީ ހީލަތްތެރި ނިންމުމެކެވެ.
"ތާރީޚުގައި ފެނުނީ ފައިސާއަށް މެންބަރުން ޕާޓީ ބަދަލުކުރާތަން. އެއީ އޭނާ އިންތިޚާބުކުރާ ރައްޔިތުން ކަންބޮށުވާކަމެއް. އެހެންވީމަ ޕާޓީން ކަނޑާލިޔަސް ގޮނޑި ދިފާޢު ކުރުމަށް ޕާޓީން އިޤްރާރުވުން އެއީ އަދި އެމީހަކަށް ގޮނޑި ޙިމާޔަތް ކުރެވޭނެ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެނެ" 20 ވަނަ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެމްބަރަކު ވިދާޅުވިއެވެ. .
ކާނިވާ ސަރަހައްދުގައި ބޭއްވުނު ޤައުމީ މަޖިލީހުގެ ޖަލްސާގައި، ކޮލަމާފުށި ދާއިރާގެ ރައީސް މަޙްފޫޒު ސަޢީދު ހުށަހެޅުއްވި މި ޤަރާރު ފާސްވެފައިވަނީ ހާޒިރުވި މެންބަރުންގެ އިއްތިފާޤުންނެވެ.
މި ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙަކީ ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ، މަޖިލިސް މެންބަރުންގެ މިނިވަންކަމަށް ހުރަސްއަޅާ އަދި މި ބަދަލަކީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ޚިލާފު ކަމެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އެމްޑީޕީން ނިންމާފައިވަނީ މި އިޞްލާޙު އަނބުރާ ގެނައުމަށް ޓަކައި މުޅި ރާއްޖޭގައި އިހުތިޖާޖީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ. އަދި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ ކޯޓުން މައްސަލަ ނުބަލައި ރިސެސްއަށް ގޮސްފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.









