ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަށިކޮޅަށް ގެއްލުންދިނުމަށް ހިތްވަރުދީ އެމްޑީޕީގެ ޕޯޑިއަމްތަކުގައި ދެކެވެމުންދާ ވާހަކަތައް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) އިން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނަށް ދިމާވި ހިތާމަވެރި ހާދިސާއާ އެއްފަދަ ގޮތަކަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާމެދު ޢަމަލުކުރުމަށް ހިތްވަރުދޭ ވާހަކަތަކެއް އެމްޑީޕީގެ ޕޯޑިއަމްތަކުގައި ދެކެވެމުންދާ ކަމަށެވެ.
ޕީއެންސީން ބުނީ ރައީސް މުޙައްމަދު އަމީނާމެދު ކަން ހިނގައިދިޔަ ގޮތަކީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި އަނދިރި ޞަފުޙާއެއް ކަމަށެވެ. މިއަދު ޤާއިމުކުރެވިފައިވާ ދުސްތޫރީ ނިޒާމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ސިޔާސީ ކަންކަމުގެ ތެރެއަށް އަނިޔާވެރިކަމާއި، ހަމަނުޖެހުމާއި، ނަފުރަތު ވަނަނުދީ، ސިޔާސީ މަސައްކަތްތައް ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ކުރިއަށްގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށް ޕީއެންސީން ބުންޏެވެ.
ޕީއެންސީން ވަކިން ޚާއްޞަކޮށް ފާހަގަކޮށްފައިވަނީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލްގެ ޢަމަލެވެ. އެމްޑީޕީގެ އާންމު މެންބަރަކު ދެއްކި އަނިޔާވެރި ވާހަކައެއް ކުށްވެރިކުރުމުގެ ބަދަލުގައި، ފައްޔާޒު އެ ވާހަކައަށް އިތުރު ހިތްވަރު ދެއްވައި ވާހަކަދެއްކެވި ކަމަށް ބުނެ، އެއީ ނުރައްކާތެރި ޢަމަލެއް ކަމުގައި ޕީއެންސީން ވަނީ ސިފަކޮށްފައެވެ.
މީގެއިތުރުން، މިފަދަ ޢަމަލުތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކުށެއް ކަމަށް ބަޔާންކޮށް، ފައްޔާޒު އަދި އެމްޑީޕީގެ އާންމު މެންބަރުގެ ޢަމަލުތައް ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ތަޙުޤީޤުކޮށް، ޤާނޫނީ ފިޔަވަޅު އެޅުމަށް ޕީއެންސީން ވަނީ ގޮވާލާފައެވެ.









