މަސްވެރިންގެ ދުވަހާ ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
މިއަދު ހަވީރު އާޓިފިޝަލް ބީޗްގައި ބޭއްވި މި ހަވީރު އިންތިޒާމުކޮށްފައިވަނީ މަސްވެރިކަން ޕްރޮމޯޓްކުރުމަށް އުފައްދާފައިވާ މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑުންނެވެ.
"މަސްވެރި އުފާ" ގެ ނަމުގައި ބޭއްވި މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ ހަވީރު 16:00 އިން 18:00 އަށެވެ. މި ހަވީރުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާއިރު، ކުޑަކުދިންނާ ގުޅޭ ތަފާތު ކުޅިވަރު ހަރަކާތްތަކާއި، ސްޓޯލްތަކާއި، ފޮޓޯ ނެގުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން ރޮބޯމޭންގެ ހުށަހެޅުންތައްވެސް މި ހަވީރުގައި ފެނިގެން ގޮސްފައިވެއެވެ.
That was a wrap! What an eventful evening. Thank you to everyone that showed up and enjoyed the evening! 😊#Masveriufaa was organized in collaboration with @fishpromo. #Fishermensday2024 #Masveringedhuvas2024 pic.twitter.com/H6iCz9JhR6
މި ހަވީރުގައި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިނިސްޓަރ ވިދާޅުވީ މަސްވެރިންގެ ދުވަހާ ގުޅިގެން އެއް ހަފްތާގެ މުއްދަތަށް އެކި އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ރާވާފައިވާ ކަމަށެވެ. އަދި މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ޢާއިލާތަކުން އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އިވެންޓް ވަރަށް ފުރިހަމަ. މިހާ ކުރު މުއްދަތެއްގައި މި ހަރަކާތް ރޭވީ. ކުންފުނި ޅަފަތުގައި އޮތް ނަމަވެސް އަންނަ އަހަރު ކުންފުނީގެ ހަރަކާތްތައް ބާރަށް ކުރިއަށްދާނެ." މިނިސްޓަރ ވިދާޅުވިއެވެ. މި ހަވީރުގައި ބައިވެރިވި ކުދިން ބުނީ ގިނަ ގޭމްތަކެއްގައި ބައިވެރިވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވުނު ކަމަށެވެ.
މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކުރިއަށް އޮތްތަނުގައި މި ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.









