އިދިކޮޅު އެމްޑީޕީގެ ޗެއާޕަރސަން ދެއްކެވި ވާހަކަތައް ކުށްވެރިކުރައްވައި، އެފަދަ މައްސަލަތައް ތަޙުޤީޤުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ގޮވާލައްވައިފިއެވެ.
މިފަދައިން މެންބަރުން ގޮވާލައްވާފައިވަނީ ކުރީގެ ރައީސް މުޙައްމަދު އަމީނަށް ހެދިގޮތް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށްވެސް ހަދަންޖެހިދާނެކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕަރސަން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
މަޖިލީހުގައި މި މައްސަލައާ ގުޅޭގޮތުން ހުށަހެޅި ކުއްލި މައްސަލައަށް ވަނީ ބަހުސްކޮށްފައެވެ. މި ބަހުސްގައި ވާހަކަދެއްކެވި ގިނަ މެންބަރުން ފާހަގަކުރެއްވި ގޮތުގައި ޒިންމާދާރު މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން، ޓެރަރިޒަމަށް ހިތްވަރު ލިބޭގޮތަށް ވާހަކަދެއްކުމަކީ ނުރައްކާތެރި ކަމެކެވެ.
މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ މިފަދަ މައްސަލަތައް ބަލައި ވީހާވެސް އަވަހަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. ހުސްނީ ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ މާޒީންވެސް ޓެރަރިޒަމްގެ ޢަމަލުތައް ފެންނަން އެބަ ހުއްޓެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤް ވިދާޅުވީ މިއަދު އެމްޑީޕީން ކުރަން ބޭނުންވަނީވެސް ކުރީގެ ރައީސް އަމީނަށް ހެދިގޮތް ހެދުން ކަމަށާއި މިކަން ސީރިއަސްގޮތެއްގައި ތަޙުޤީޤުކުރަންޖެހޭ ކަމަށެވެ.
މީގެ އިތުރުން، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރިފާޢު ގޮވާލެއްވީ ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅަށް ގެއްލުންދިނުމަށް ދެކެވޭ ވާހަކަތައް ދައްކާ ފަރާތްތައް ހައްޔަރުކޮށް ތަޙުޤީޤުކުރުމަށެވެ.
މަޖިލީހުގެ ގިނަ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ގުޅުވައިގެން އެމްޑީޕީގެ ޗެއަރޕަރސަން އަދި އެހެން ބައެއް މެންބަރުން ޕޯޑިއަމްތަކުގައި ދައްކަވާފައިވާ ވާހަކަތައް ކުށްވެރިކުރައްވާފައެވެ. އަދި މިފަދަ މައްސަލަތައް ސީރިއަސްކޮށް ބަލައި، އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައިވެއެވެ.









