އިއްޔެވެސް މިއަދުވެސް އަދި އަބަދުވެސް ގޯސް ވާނީ ގޯހަށް ކަމުގައި ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެއެވެ. މިއީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރައީސް މުޙައްމަދު އަމީނަށް ހެދިގޮތް ހަދަން ޖެހޭނެ ކަމަށް ބުނެ ދެއްކި ވާހަކަތަކާއި ގުޅިގެން ނައިބު ރައީސް ދެއްވި ރައްދެކެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް "ރައްޔިތުންނަށް ދެރަދިނީމަ، ރާއްޖޭގެ ފުރަތަމަ ރައީސް މުޙައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭ" ކަމަށް ބުނުމާއި ގުޅިގެންނެވެ.

ނައިބު ރައީސް ލަތީފު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތާރީޚުން ލިބިދޭ ފިލާވަޅުތަކުން މަގުދައްކައިދޭންވީ އެއްބައިވަންތަކަމަށް ކަމަށާއި ބައިބައިވުމާއި ހަލަބޮލިކަމުގެ ޘަޤާފަތަކަށް ނޫން ކަމަށެވެ. އަދި ހަލަބޮލިކަމަށް ގޮވާލުމަކީ ޤާނޫނުގެ ވެރިކަމަށް ގޮންޖަހައި ޑިމޮކްރެޓިކް އަދި އިސްލާމީ އަގުތަކަށް ފުރައްސާރަކުރުން ކަމުގައިވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

"އަބަދުވެސް ގޯސް ވާނީ ގޯހަށް. ވެރިން އަބަދުވެސް ބާރުއަޅަން ވާނީ ސުލްހައަށް،" ނައިބު ރައީސް ވިދާޅުވިއެވެ.