އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު، ނުވަތަ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ބޭންކުތަކަށް މާރުކުރުމުގެ އިހްތިޔާރު ރިސޯޓުތަކަށް ލިބިދޭ ގޮތަށް ހުށަހެޅި ބޭރު ފައިސާއާ ބެހޭ ބިލު ބަލައިގަނެ ދިރާސާ ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހެވެ. 51 މެންބަރުން ވަނީ ބިލު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި ހަތަރު މެންބަރުން ވަނީ ދެކޮޅަށް ވޯޓު ދެއްވާފައެވެ.
މި ބިލުގައި ވާ ގޮތުން، ރާއްޖޭގައި ކުރެވޭ ހުރިހާ މުއާމަލާތްތަކެއް ހިންގަންވާނީ ރުފިޔާއިންނެވެ. ނަމަވެސް ބޭރު ފައިސާއިން މުއާމަލާތްކުރެވޭނެ ބައެއް ހާލަތްތައް ވަނީ ބަޔާންކޮށްފައެވެ. ބިލުގައި ވާ ގޮތުން، ރިސޯޓުތަކުން އެތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު، ނުވަތަ ވިޔަފާރިއަކަށް އެ މަހަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ މާރުކުރެވިދާނެއެވެ.
މީގެ އިތުރުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި، މާލީ އިދާރާތައް ފިޔަވައި އެހެން ވިޔަފާރިއަކުން ވިއްކާ މުދަލާއި ހިދުމަތަށް މާލީ އަހަރެއްގެ ތެރޭގައި މަދުވެގެން 15 މިލިއަން ޑޮލަރު ލިބޭ ވިޔަފާރިތަކުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކެއްގައި ހުންނަ އެކައުންޓަކަށް ޖަމާކުރަންޖެހޭނެއެވެ.
ބިލުގައި ވާ ގޮތުން، ޑޮލަރު މާރުކުރުމުން އިސްތިސްނާވަނީ 24 ގަޑިއިރަށް ވުރެ ކުރު މުއްދަތަކަށް ރިސޯޓްގައި ތިބޭ ފަރާތްތަކާއި، 10 އަހަރުން ދަށުގެ ކުދިންނާއި، ރިސޯޓްތަކުގައި ހިލޭ ބައިތިއްބާ ފަރާތްތަކުގެ އިތުރުން ސަރުކާރުން ހާއްސަ އިމްތިޔާޒް ދީފައިވާ މެހެމާނުންނެވެ.









