ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ 2 ޑިސެންބަރު 2024 ގައި ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 56 ވަނަ ޖަލްސާއިން ފާސްކުރެވުނު ބިލެކެވެ.
މި އިޞްލާޙުގެ މައިގަނޑު މަޤްޞަދަކީ ކޮޕީރައިޓުގެ ޙިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާގުޅޭ އެހެނިހެން ޙައްޤުތަކާބެހޭ ކަންކަން އިތުރަށް ތަފްޞީލުކުރުމެވެ. މީގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި ދިރާސާކުރުމުގެ ބޭނުމަށް ލިބިދޭ އިސްތިސްނާތައް ހިމެނެއެވެ. އަދި ކޮޕީރައިޓްގެ ޙައްޤުތަކަށް ޙިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުމާއި، ކޮޕީރައިޓާގުޅޭ ޙައްޤުތައް ކަށަވަރުކުރުމުގައި ދިމާވާ ބައެއް ދަތިތައް ޙައްލުކުރުމަށް ގެންނަންޖެހޭ އިޞްލާޙުތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި އިޞްލާޙާއި އެކު، ދިވެހިރާއްޖޭގެ ސަރަޙައްދުގައި އުފައްދާ އަދަބީ އަދި ފަންނާނީ އުފެއްދުންތަކާއި، ޕަރފޯމަންސްތަކާއި އަޑުގެ ރިކޯޑިންގތަކާއި، ބްރޯޑްކާސްޓްތައް ޙިމާޔަތްކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޙިމާޔަތްކޮށްފައިވާ ޙައްޤަކަށް އަރައިގަތުމުގެ ޙާލަތުގައި ކޯޓަށް ދަޢުވާކުރުމުގެ ޙައްޤު ކޮޕީރައިޓުގެ ވެރިފަރާތަށް ލިބިދޭކަމަށް ވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މި އިޞްލާޙު ތަޞްދީޤުކުރެއްވުމާ ގުޅިގެން މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ޝާއިޢުކުރާ ތާރީޚުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.









