މަސްވެރިންގެ ޙައްގުތައް ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މަސްވެރިންގެ ދުވަހުގެ ހެޔޮއެދުންތައް، މަސްވެރިންނާއި، މަސްވެރި އާއިލާތަކާއި، އޮޑިވެރީންނާއި، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް އަރިސްކުރައްވާފައެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ މަސްވެރީންގެ ހައްޤުތައް ހިމާޔަތްކޮށް، ވާރެއާއި އަވީގައި، ދުވާލާއި ރޭގަނޑު، ބިޔަ ކަނޑުތަކުގައި، ދިވެހި މަސްވެރިންކުރާ ހިންމަތުގެ އަގު އިހުތިރާމާއެކު ވަޒަންކުރުމަކީ ގައުމީ ވާޖިބެއް ކަމަށެވެ. އަދި ދިވެހި މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނޭ މަގު ފަހިކޮށްދެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ހިފެހެއްޓުމެއް ނެތް ޝުކުރާއި ތަޙްނިޔާ ދަންނަވާކަމަށް ވިދާޅުވިއެވެ.
މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، މަސްވެރިންނަށް މިހާތަނަށް ނުދީ ހުރި ފައިސާ ދައްކާ ވަނީ ޚަލާސްކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީ ނުވަތަ ބެކްލޮގެއް ނުބާއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.






