މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމަށް ފަހުގެ ޓެކްނޮލޮޖީއާއި ޒަމާނީ ވަޞީލަތްތައް ބޭނުންކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު (10 ޑިސެންބަރު 2023) ފާހަގަކުރާ މަސްވެރިންގެ ދުވަހާއި ގުޅިގެން ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ނައިބު ރައީސް ވިދާޅުވެފައިވަނީ މަސްވެރިން ކުރަމުން ގެންދަނީ ހީވަގި ބުރަ މަސައްކަތެއް ކަމަށާއި، ދިވެހި އިޤުތިޞާދުގެ ލޭނާރުގެ ގޮތުގައި ސިފަކުރާ މަސްވެރިކަމުގެ ސިނާޢަތުގެ ކުރިއެރުމަށް ފަހުގެ ޓެކްނޮލޮޖީއާއި ޒަމާނީ ވަޞީލަތްތައް ބޭނުންކުރުން މުހިންމުކަމަށެވެ.

ނައިބު ރައީސްގެ ޕޯސްޓުގައި ވަނީ މަސްވެރިކަމުގެ ސިނާޢަތަށް ފާގަތިކަމާއި ފަހިކަން މާތް ﷲ މިންވަރުކުރެއްވުމަށް އެދި ދުޢާކުރައްވާފައެވެ.

ރާއްޖޭގައި ކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަމުގެ ސިނާޢަތުގައި ދިވެހިންކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އެމީހުންނަށް ދިމާވާ ދަތިތައް ދެނެގަތުމެވެ.

ސަރުކާރުން ދަނީ މަސްވެރިންނަށް ދިމާވާ ދަތިތައް ދެނެގަނެ އެކަންކަން ހައްލުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މީގެ ތެރޭގައި ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް މަސްވެރިންނަށް މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސަވާފައެވެ.