މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެކްޓިވިސްޓެއް ކަމަށް ބެލެވޭ ފަރާތަކުން ރާއްޖޭގެ ބަޑިގުދަން ފަޅާލައި، ވެރިކަން ވައްޓާލުމަށް ގޮވާލައި އިންޒާރެއް ދީފިއެވެ. މި އިންޒާރު ދީފައިވަނީ ބްރޭކިންގއެމްވީ ކިޔާ ވެބްސައިޓެއްގައިވާ ލިޔުމަކާއި ޙަވާލާދީ، ސޯޝަލް މީޑިއާގައި "އަލީ ޝާކިރު" ނަމަކަށް ކިޔާ ޔޫޒަރެއް ކަމަށް ބެލެވެއެވެ.
މި އިންޒާރުގައި ބަނޑޭރިކޮށި ތެރެއަށް ގަދަކަމުން ވަދެ ބަޑިގުދަން ފަޅާލައި، ހަތިޔާރު ނަގައިގެން މުލިޔާގެއަށް ގޮސް، ކޮންމެވެސް މީހަކު ގެންގޮސް ވިހަމަނާފުށީގައި ވަޅުލުމަށް ގޮވާލާފައި ވެއެވެ. އަދި މި ޢަމަލު ހިންގުމަށް ތަފްސީލީ ޕްލޭނެއް ވެސް ހިއްސާކޮށްފައި ވެއެވެ.

ބަނޑޭރިކޮށީގައި ތިބި ބަޑިތައް ނަގައިގެން ޣައިރުޤާނޫނީ ގޮތުން ބޮޑެތި ޖަރީމާތައް ހިންގައި ރައްޔިތުން މަރަން އެމްޑީޕީން މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ މިދަނޑިވަޅުގައި އެޕާޓީގެ ރައީސް ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ “ޤާނޫނުއަސާސީގެ ނަމުގައި ބާއްވާ ހަމަނުޖެހުމުގައި" ބައިވެރި ނުވުމަށް ރާއްޖެއިން ބޭރަށް ފުރާފައެވެ.









