ކ. ހިންމަފުށީގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
އެ ރަށުގައި މި ޚިދުމަތް ރަސްމީކޮށް މިއަދު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ވެމްކޯއިން ހިންމަފުށީގައި މި ޚިދުމަތް ފަށާފައި މިވަނީ ރާއްޖެއަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެކި ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ދަށުންނެވެ.
ވެމްކޯއިން ބުނީ ހިންމަފުށީގެ ގޭބިސީތަކުންނާއި ކޮންސްޓްރަކްޝަން ސައިޓްތަކާއި ވިޔަފާރިތަކަށްވެސް ކުނި ނެގުމުގެ ޚިދުމަތް އެ ކުންފުނިން ފޯރުކޮށްދޭނެ ކަމަށެވެ.
ވެމްކޯއިން މިހާރު އަންނަނީ 12 ރަށެއްގައި ޚިދުމަތް ފޯރުކޮށްދެމުންނެވެ. އެއީ:
- މާލެ ސިޓީ (ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން)
- އައްޑޫ ސިޓީ
- ފުވައްމުލައް ސިޓީ
- ތިނަދޫ ސިޓީ
- ކުޅުދުއްފުށި ސިޓީ
- ލ. ގަން
- ލ. ފޮނަދޫ
- ކ. މާފުށި
- ކ. ހިންމަފުށި
- ހއ. އިހަވަންދޫ
- ހއ. ދިއްދޫ
- ހއ. ވަށަފަރު
މީހުން ދިރިއުޅޭ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ވެމްކޯއިން ދެމުން އަންނައިރު އެ ކުންފުނިން މިހާރު އަންނަނީ ރިސޯޓުތަކުންވެސް ކުނި އުކާލުމުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.









