އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ 40 މަދަރުސާއަކަށް ބޮމުގެ ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފިއެވެ.
އީމެއިލް މެދުވެރިކޮށް ދިން އިންޒާރުތަކުގައި ބުނެފައި ވަނީ 30،000 އެމެރިކާ ޑޮލަރު ނުދީފިނަމަ އެ މަދަރުސާތަކުގައި ބޮންތަކެއް ގޮއްވާލާނެ ކަމަށެވެ.
މި އިންޒާރުތަކާ ގުޅިގެން ނިއު ދިއްލީގެ ފުލުހުން ވަނީ އެ މަދަރުސާތައް ބަލާފާސްކޮށްފައެވެ. އަދި ބެލެނިވެރިން ވަނީ ދަރިވަރުން މަދަރުސާތަކުން ގެންގޮސްފައެވެ. ނަމަވެސް މި މައްސަލައާ ގުޅޭ ގޮތުން ނިއު ދިއްލީގެ ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ވެސް ނިއު ދިއްލީގެ 50 މަދަރުސާއަކަށް ބޮމުގެ ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައިވެއެވެ. އަދި މި އަހަރުގެ ތެރޭގައި އިންޑިއާގެ އެކި މަދަރުސާތަކާއި ރޭލް ސްޓޭޝަންތަކާއި ވައިގެ ބަނދަރުތަކަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައިވެއެވެ.
އިންޑިއާގެ އެއަރލައިނުތަކާއި ވައިގެ ބަނދަރުތަކަށް ބޮމުގެ ޙަމަލާތަކެއް ދޭނެ ކަމުގެ 999 އިންޒާރު މި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ދީފައިވެއެވެ. އެ މައްސަލައާ ގުޅުން ހުރި 12 މީހުން ވަނީ ހައްޔަރުކޮށްފައެވެ.









